އީރާނުގައި އަންހެން ކުދިން ތައުލީމް ހާސިލު ކުރަމުން ދާ ސްކޫލުތަކަށް އަމާޒުކޮށް ކޮން ބައެއްކަން ނޭނގޭ ބަޔަކު ފޮނުވަމުން ދިޔަ ވިހައިގެ ސަބަބުން އެތައް 100 ދަރިވަރުންނަކަށް ފަރުވާދޭން ޖެހުނު މައްސަލައިގައި 100 މީހަކު ހައްޔަރުކޮށްފިއެވެ. އެމީހުން ފޮނުވަމުން ދިޔަ ވިހަ އަކީ ފުރާނައަށް ނުރައްކާ ވާ ވިހައެއް ނޫން ނަމަވެސް ދުވާ ނުބައިވަހުން ކުދިން އަނގުރައިގަނެ ހެޔަށް ގޮތްވެ ނޭވާލާން އުނދަގޫވުން ފަދަ މައްސަލަތައް ވަނީ ދިމާވެފައެވެ.

ކުނި ކަރުގޮހޮރު ވަސް ފަދަ ނުބައި ވަހެއް ސްކޫލުތަކަށް ފޮނުވަމުން ދިޔައީ، ރޭވިގެން އެކި ގޮތްގޮތަށެވެ. ބައެއް ފަހަރު ސްކޫލުތަކުގެ ކުޑަދޮރުތަކުން އަނެއް ބައިފަހަރު ސްކޫލުގެ ތެރެއަށް އެއްޗެއް އެއްލައިގެން ފަދަ ގޮތް ގޮތަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މައްސައިގެ ތަހުގީގު އީރާނުގެ އިދާރާތަކުން ފަށާފައި ވާ އިރު ހައްޔަރު ކުރި މީހުން ދޫކުރާނީ ޝައްކެއް ނެތް މިންވަރަށް ތަހުގީގު ކުރުމަށް ފަހު ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި ހިނގާ މާޗް މަހުގެ ނިޔަލަށް އީރާނުގެ އެކި ސިޓީތަކުގައި ހުންނަ އަންހެން ދަރިވަރުންގެ ސްކޫލުތަކަށް ވިހަ ފޮނުވާފައި ވެއެވެ. އެކި ސްކޫލުތަކުން އެކި އަދަދަށް ކުދިން ބަލިވެ އެޑްމިޓް ކުރަން ޖެހުނު އިރު އެންމެ ގިނަ އަދަދެއްގެ ކުދިން އެޑްމިޓް ކުރީ އީރާނުގެ ގޯމްގައި ހުންނަ އަންހެން ދަރިވަރުންގެ ސްކޫލަކުންނެވެ. އެސްކޫލުން 18 ދަރިވަރުން ބަލި ވި އިރު އެންމެ ގިނަ އަދަދެއްގެ ކުދިން އެއް ފަހަރާ ބަލިވީ ހުސްވި ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ މަހު ޖުމްލަ 13 ސްކޫލަކުން 100 އަށް ވުރެ ގިނަ ކުދިން ބަލިވެގެން ވަނީ އެޑްމިޓް ކޮށް ފަރުވާ ދީފައެވެ.

އީރާނުގެ ސިޔާސީ ފަރާތްތަކުން ބުނާ ގޮތުން، އެކަން ކުރި ކަމަށް ބެލެވެނީ އަންހެން ކުދިންގެ ތައުލީމާ ދެކޮޅު ހަރުކަށި ފަރާތްތަކުންނެވެ. އެ ފަރާތްތަކުގެ ބޭނުމަކީ އަންހެން ދަރިވަރުންގެ ސްކޫލުތައް ބަންދު ކުރުވުން ކަމަށްވެސް ބުނެފައި ވެއެވެ.

މި މައްސަލަ ފެންމަތިވެފައި ވައިރު އެމެރިކާއިން ވެސް ވަނީ މިކަމާ ބެހިފައެވެ. އެ ގައުމުގެ އޮފިޝަލުން ބުނީ، އދ ގެ އިދާރާގެ ބެލުމުގެ ދަށުން މިނިވަން އިތުބާރު ކުރެވޭ ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ. އަދި އެ ކަމަކީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު އީރާނުގެ އޮފިޝަލުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މާޝާ އަމީނީގެ މަރާ ގުޅިގެން އައި ކަމެއް ކަމަށް ވާނަމަ އެކަން އދ ގެ މެންޑޭޓްގެ ތެރެއަށް ފެތޭ ކަމަށެވެ. މާޝާ އަމީނީ މަރުވީ، އޭނާ ހެދުން އަޅާ ގޮތް ކަމުނުގޮސްގެން ހައްޔަރު ކޮށްފައި ހުއްޓާ، އީރާރުގެ އޮފިޝަލުންގެ ހާޒިރުގައެވެ. އެ މައްސަލައިގައި މުޅި އީރާނާއި ދުނިޔޭގެ 150 ގައުމެއްގައި އީރާނު ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތައް ވެސް ކުރިއެވެ. އެތައް ސަތޭކަ ބަޔަކު މަރުވި އެ މުޒާހަރާތަކަށް ފަހު، ހެދުން އެޅުމާ ގުލޭ ގޮތުން އީރާނުގައި އޮންނަ ހަރުކަށި ގާނޫނަށް ލުއިތަކެއް ގެންނަންވެސް އެގައުމުގެ ސަރުކާރުން ބަހުސް ފެށިއެވެ. އަދި ހެދުން އަޅާ ގޮތް ބަލައި ނަސޭހަތްދީ އަދި ފިޔަވަޅު އަޅަން އުފައްދާފައި އޮންނަ "މޯރަލް ޕޮލިސް" ވަގުތީ ގޮތުން ސަސްޕެންޑްވެސް ކުރިއެވެ. ނަމަވެސް އެ ގާނޫނަށް އަދި އެއްވެސް އިސްލާހެއް ގެނެސްފައެއް ނުވެއެވެ.