ކާމިޔާބު ދެ ސީޒަނެއް މިހާތަނަށް ގެނެސްދީފައިވާ ނެޓްފްލިކްސް ޝޯ "ދިއްލީ ކްރައިމް" ގެ ތިން ވަނަ ސީޒަން ރިލީޒްކުރާ ތާރީހު އިއުލާންކޮށްފިއެވެ.

ދިއްލީ ގައި ހިނގާ ކްރައިމް ހާދިސާތަކަށް ބިނާކޮށް އުފައްދާ މި ސީރީޒްގެ އާ ސީޒަން ދައްކާނީ އަންނަ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުއެވެ. ނެޓްފްލިކްސް އިން ބުނީ ދިއްލީ ކްރައިމް އަކީ އިންޑިއާގެ ވެރިރަށް ދިއްލީގައި މީގެ ކުރިން ހިނގާފައިވާ ހާދިސާތަކަށް ބިނާކޮށް ގެނެސްދޭ ސީރީޒެއް ކަމަށާއި އަދި ހަގީގީ ދިރިއުޅުމުގައި ދިމާވާ ކަންތައްތައް ވަރަށް ތަފްސީލީ ގޮތެއްގައި ސީރީޒުން ފެނިގެންދާނެ ކަމަށެވެ. އަދި ދިއްލީގައި ހިނގާފައިވާ ހާދިސާތަކުގެ އިންވެސްޓިގޭޝަން ދައްކުވައިދޭނީ އަސްލާ އެއްގޮތަށް ކަމަށްކަމަށް ވެސް ނެޓްފްލިކްސް އިން ވަނީ ބުނެފައެވެ.

ރިޗީ މެހެތާ ޑައިރެކްޓްކުރާ މި ސީރީޒްގެ މެއިން ކެރެކްޓާ އަކީ ޝެފާލީ ޝާހް އެވެ. އޭނާ އަކީ އިސް ފުލުސް އޮފިސަރެވެ. މިފަހަރުގެ ސީޒަނުން ވެސް އޭނާ ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ދިއްލީ ކްރައިމް ގެ ފުރަތަމަ ސީޒަނަށް ވަނީ އިންޓަނޭޝަނަލް އެމީ އެވޯޑްސްގެ އެންމެ މޮޅު ޑްރާމާ ސީރީޒް އެވޯޑް ކާމިޔާބުކޮށްފައެވެ. އެ އެވޯޑާއެކު މި ސީރީޒްވެގެން ގޮސްފައިވަނީ ބައިނަލްއަގްވާމީ އެވޯޑެއް އިންޑިއާގެ ވެބް ސީރީސްއަކަށް ލިބުނު ފުރަތަމަ ފަހަރަށެވެ.

މި ސީރީޒްގެ ފުރަަތަމަ ސީޒަން އާންމުންނާ ހަމައަށް އައީ 2019 ވަނަ އަހަރުގައެވެ. އަދި ދެވަނަ ސީޒަން ރިލީޒްކުރީ މިދިޔަ އަހަރުގައެވެ. މި ދެ ސީޒަނަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.