ސިފައިންނަށް ހާއްސަކޮށްގެން ކަޅުތުއްކަލާ ކޮށީގައި ހެދި ފިޓްނެސް ޖިމް "ސެނަފިޓް ސެންޓަރު" ހުޅުވައިފިއެވެ.

ޖިމް ހުޅުވާދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ އަލް ކުވާރީ އެވެ. ސިފައިންގެ ގިނަބަޔަކަށް އެއްފަހަރާ ބޭނުން ކުރެވޭގޮތަށް އިމާރާތް ކުރި މި ޖިމްގައި ޒަމާނީ ވަސީލަތްތައް ހުންނާނެ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

"ސެނަފިޓް ސެންޓަރ" ހުޅުވާދެއްވުުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑިއެފް

މިއީ ސިފައިންގެ ލީޑަޝިޕް މެންބަރުން އިސްނެންގެވުމުގެ މަތިން އުރީދޫގެ އެހީތެރިކަމާއެކު ގާއިމް ކުރި ޖިމެކެވެ. މިފަދަ އެހީތެރިކަމެއް ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، ދުޅަހެޔޮ ދިރިއުޅުމެއް ބިނާ ކުރުމަށް އެހީތެރިވުން ކަމުގައި އުރީދޫއިން ބުންޏެވެ. މީގެއިތުރުންވެސް އުރީދޫއަކީ އަބަދުވެސް ސިއްހަތާއި ދުޅަހެޔޮކަމަށް އަހައްމިއްޔަތު ދެމުންދާ ކުންފުންޏެއްކަން ފާހަގަ ކޮށްލެވެއެވެ.

މިކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސް ބޭފުޅުންގެ އިތުރުން އުރީދޫގެ އިސްބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ. އެ ގޮތުން އެމްއެންޑީއެފްގެ ފަރާތުން ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ގެ އިތުރުން، އުރީދޫގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހާމާދީ އަދި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.