ސިވެކްގެ ލޭންޑިން ކްރާފްޓް ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ވޮރަންޓް އޮފިސާ 2 އަލީ ހާމިދުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފިއެވެ.
އަލީ ހާމިދުގެ މައްޗަށް ކަށުނަމާދުކޮށްފައި ވަނީ ހުޅުމާލެ މަސްޖިދުއްޒައިދު ބިން ޘާބިތް (ހުޅުމާލެ ސަހަރާ) މިސްކިތުގައި މިރޭ 10:45 ގައެވެ.
ތ. ހިރިލަންދޫ އުމުރުން 46 އަހަރުގެ އަލީ ހާމިދުގެ ޖަނާޒާ ބާއްވާފައި ސިފައިންގެ ރަސްމީ އިއްޒަތުގައެވެ. މިޖަނާޒާގައި ސިފައިން ހަތް ބަޑީގެ ސަލާމެއް އަރުވާފައި ވެއެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.
ވޮރަންޓް އޮފިސާ 2 އަލީ ހާމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމުގައި ހޮސްޕިޓަލާ ހަވާލާދީ އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ. މި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު، މިހާތަނަށް އަދި އޭނާ ފެނިފައެއް ނުވެއެވެ.
އަލީ ހާމިދު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.