ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އަށް ލޮގިންކުރަން މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި ނޮޓިފިކޭޝަން ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.
ބީއެމްއެލް އިން ބުނީ، މިއީ މިހާރުވެސް ލޮގިން ކުރާ އިރު ފޮނުވާ އެލާޓްގެ އިތުރުން ކަސްޓަމަރުންނަށް ލިބޭނެ ނޮޓިފިކޭޝަނެއް ކަމަށެވެ. އަދި މީގެ އިތުރުން އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް ޖެހިޖެހިގެން ތިން ފަހަރު ވަންނަން މަސައްކަތްކޮށް ލޮގިން ނުވެވިއްޖެނަމަ މި ހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންނަށް އެލާޓް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި ނޮޓިފިކޭޝަންތައް ކަސްޓަމަރުންނަށް ފޮނުވަނީ އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް ވަންނަން މަސައްކަތްކުރާ ހާލަތެއްގައި ކަސްޓަމަރުންނަށް އެކަމުގެ މައުލޫމާތު ދިނުމުގެ ގޮތުން ކަމަށް ބީއެމްއެލް އިން ބުނެއެވެ. ބީއެމްއެލް އިން ބުނީ، މިހާލަތްތަކުގައި އީމެއިލް ފޮނުވާނީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލް އެޑްރެހަށް ކަމަށެވެ.
ބީއެމްއެލް އިން ވަނީ އިންޓަނެޓް އަދި މޮބައިލް ބޭންކިން ޔޫސާނޭމާއި ޕާސްވޯޑް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށާއި އަދި ދޭތެރެދޭތެރެއިން ޕާސްވޯޑް ބަދަލުކޮށް އަބަދުވެސް ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ބީއެމްއެލް އިން ބުނީ، ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށް ބޭންކުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. މިގޮތުން މި ހަފްތާގެ ކުރީކޮޅު ބޭންކުންވަނީ ސްކޭންކޮށްގެން ޕޭމަންޓް ހަދާ ހުރިހާ މުއާމަލާތަކަށް ވަން ޓައިމް ޕާސްވޯޑް( އޯޓީޕީ) ޖަހަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަސް ބީއެމްއެލް އިން ބުނެއެވެ.
މީގެ އިތުރުން އޯޓީޕީ ޖެނެރޭޓްކުރުމަށް އޮތެންޓިކޭޓާ އެޕް ތައާރަފްކުރުމާއި އޯޓީޕީ ފޮނުވާ ޑިފޯލްޓް ޗެނަލެއްގެ ގޮތުގައި އީމެއިލް ހުއްޓާލުމާއި ލޮގިންކުރާ ހާލަތްތަކުގައި އެލާޓް ފޮނުވުމާއި އިންޓަނެޓޭ އަދި މޮބައިލް ބޭންކިންގެ ހުރިހާ މުއާމަލާތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވުން ހިމެނޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު، ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭންކުން މެދުނުކެނޑި މަސައްކަތްތައް ކުރަމުންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މިގޮތުން ސެކިއުރިޓީ ފީޗާސްތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ތައާރަފްކުރާނެ ކަމަށާއި ބޭންކުން ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް ސްކޭމް އުކުޅުތައް ދެނެގަނެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ވަނީ އެދިފައެވެ.
އެއްވެސް އާދައިގެ މީހެއްނޫން ކަސްޓަމަރުން ގެ އެކައުންޓުގެ ހުންނަ ރުފިޔާ ވަގަށް ނަގަނީ.ބެންކުގެ މުވައްޒަފުން މި ވައްކަން ކުރަނީ.