ރުއްތަކަށާއި ގަސްތަކަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، އާ ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ބައްޔަކީ ދިރޭ ސުއިއްޕެއްގެ ސަބަބުން ޖެހޭ ބައްޔެއްކަން މިހާތަނަށް ދެނެގަނެވިފައިވާ ކަމަށެވެ.

މި ބަލި ޖައްސާ ފަނިފަކުސާ ރުކުގެފަނާއި ގަސްގަހުގެ ފެހިބައިތަކަށް ހަމަލާދިނުމުން "ސޫޓީމޯލްޑް" ނަމަކަށް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް ފެތުރި ގަސްތައް ނިކަމެތިވެ، ބައެއް ގަސްތައް މަރުވަމުން ދާކަން ފާހަގަކުރެފައިކަމަށް މިިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މި ބައްޔަކީ ރުކާއި، ދަނޑުވެރިކަމަށް ހައްދާ ގަސްގަހުގެ އިތުރުން ބަގީޗާ ގަހަށް ވެސް ޖެހޭ ބައްޔެއް ކަމަށާއި މިނިސްޓްރީން މިހާރު ގެންދަނީ މި ބަލި ޖައްސާ ޖަރާސީމު ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

މިއީ އެއްގަހުން އަނެއް ގަހަށް އަރާ ބައްޔެއް ކަމުން ގަސްވިއްކާ ފަރާތްތަކާއި ގަސް ގަންނަ ފަރާތްތަކުން ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

މިނިސްޓްރީން ވަނީ މިބަލި އުޅޭކަމުގެ އެއްވެސް އަލާމާތެއް ގަހަކުން ފެނިއްޖެނަމަ ނުވަތަ ޝައްކު ކުރެވިއްޖެނަމަ، އެރަށެއްގެ ކައުންސިލް މެދުވެރިކޮށް އެކަން އެންގުމަށް އެދިފައެވެ.