2 ބިލިއަން ރުފިޔާއާ ގާތް ކުރާ އަދަދަކަށް ޓްރެޝަރީ ބިލް (ޓީ-ބިލް) ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިނިސްޓްރީން ވިއްކަން ހުޅުވާލާފައި ވަނީ ޖުމްލަ 1.8 ބިލިއަން ރުފިޔާގެ ޓީބިލެވެ. އެގޮތުން 182 ދުވަހުން އަނބުރާ ދެއްކުމަށް 110 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލާފައި ވާއިރު 28 ދުވަހުން އަނބުރާ ދެއްކަމަށް 514 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލާފައި ވެއެވެ.

އަދި 98 ދުވަހުން އަނބުރާ ދެއްކުމަށް 420 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލާފައި ވާއިރު 364 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 781.8 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ވަނީ ހުޅުވާލާފައެވެ.

މި ޓީބިލުތަކުގެ އިންޓަރެސްޓު ރޭޓެއްގެ ގޮތުގައި 3.50 ޕަސަންޓާއި 4.60 ޕަސަންޓާއާ ދެމެދުގެ މިންވަރެއް ކަނޑައަޅާފައި ވާއިރު އެއް މަސް ދުވަހުގެ ޓީ ބިލު ވިއްކަނީ 3.50 ގެ އިންޓަރެސްޓު ރޭޓުގައެވެ.

ހަމައެހެންމެ ތިން މަސް ދުވަހަށް ވިއްކާ ޓީބިލު 3.87 ޕަސެންޓުގައި ވިއްކާއިރު ހަ މަހުގެ ޓީބިލެއް ވިއްކަނީ 4.23 ޕަސެންޓުގައެވެ. އަދި އެއް އަހަރު ދުވަހުގެ ޓީބިލެއް ވިއްކަނީ 4.6 ޕަސެންޓް އިންޓަރެސްޓު ރޭޓުގައެވެ.

އެންމެ ފަހުން ސަރުކާރުން ޓީބިލް ވިއްކާފައި ވަނީ ހުސްވި މަހުގެ ތެރޭގައެވެ. އެ ފަަހަރު ދެ ބިލިއަން ރުފިޔާގެ ޓީބިލް ވިއްކުމަށް ހުށަހަޅާފައި ވެއެވެ.