ދިމާވި މައްސަލައަކާ ގުޅިގެން އައިޖީއެމްޗުގެ ލެބޯޓްރީން ދެމުން ގެންދިޔަ ހިދުމަތްތަކަށް މެދުކެނޑިއްޖެއެވެ.
އައިޖީއެމްއެޗުން ބުނީ، ދަރުމަވަންތަ ހޮސްޕިޓަލް ހުންނަ އިމާރާތުގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ ހޮސްޕިޓަލުގެ ލެބޯޓްރީން ދެމުން ގެންދިޔަ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކެނޑިފައިވާ ކަމަށެވެ.
އެމައްސަލަ ހައްލުވީހާ އަވަހަކަށް އެކަން އިއުލާން ކުރާނެ ކަމަށާއި މިކަމުގެ ސަބަބުން އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އައިޖީއެމްއެޗްގެ ލެބޯޓްރީން ދެމުންދިޔަ ހިދުމަތެއް ހުއްޓުނު ނަމަވެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ބޭނުންވާ ޓެސްޓުތައް ހެދުމަށް އެމީހުންގެ ސާމްޕަލްތައް ނެގުމަށްފަހު ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ އެހޮސްޕިޓަލުން ބުނެއެވެ.
އައިޖީއެމްއެޗް އަކީ ރާއްޖޭގެ ގިނަ ބަޔަކު ސިއްހީ ފަރުވާ ހޯދުމަށް ދާ އެއް ހޮސްޕިޓަލެވެ. ސަރުކާރު ހޮސްޕިޓަލަކަށް ވެފައި އާސަންދައިން މައިގަނޑު ގިނަ ހިދުމަތްތަކެއް ކަވާ ކުރާތީ، އަމިއްލަ އަތުން ހޭދައެއް ނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ގިނަ ބަޔަކު އައިޖީއެމްއެޗަށް ދައްކަން ހިޔާރު ކުރެއެވެ.