އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން އަދި އިންޖިނިއަރިން ޕްރޮގްރާމެއް ބީއެމްއެލް އިން ތައާރަފް ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ 12 އަހަރާއި 14 އަހަރުގެ އުމުރުފުރާގެ އަންހެން ކުދީންނަށް ކަމަށެވެ.

މި ޕްރޮގްރާމުގައި ޖުމްލަ 30 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދޭނެ ކަމަށާއި މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ފޯލޫޕް ކޯޑިން އެކަޑަމީ އިން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ، މި ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުން، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި ބްލޫޓޫތް ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންކަން ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ ޑިޖިޓަލް މާހައުލުތަކުގައި އަންހެނުން ބާރުވެރިކުރުވާ ސްޓެމް ދާއިރާއިން ވަޒީފާގެ ފުރުސަތުތައް މަގުފަހި ކުރުމެވެ. ބީއެމްއެލް އިން ބުނީ، އެކަން ހާސިލް ކުރުމަށްޓަކައި ކުޑަކުދިން މިދާއިރާއަށް ޝައުގުވެރިކަން އުފެއްދުމާއި ޓެކްނޮލޮޖީގެ ދާއިރާއިން އަންހެން ކުދިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.