އިގުތޯސާއި ވިޔަފާރީގެ ދާއިރާ ފާހަގަ ކުރައްވައި އިންޑިއާ އާ ގުޅުން ބަދަހި ކުރުމަކީ ސައުދީން އެންމެ އިސްކަމެއް ދޭ އެއް ކަންތައް ކަމުގައި އެގައުމުގެ ހާރިޖީ ވަޒީރު ފަރްހާން އަލް ސައުދު ވިދާޅުވެއްޖެއެވެ.

އޮބްޒާވާ ރިސާޗް ފައުންޑޭޝަން އަށް ދެއްވި އިންޓަވިއުއެއްގައި ފަރްހާން ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ސައުދީ ވަލީ އަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އާ ދެބޭފުޅުން އަބްދުވެސް މަޝްވަރާ ކުރައްވާ ކަމަށާއި، ދެގައުމުގެ ގުޅުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން އެކި ދާއިރާތަކުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، އެ ދެ ލީޑަރުންނަކީ "ރީތި ވާހަކަތަކެއް" ދެއްކެވުމަށް ވުނެ ނަތީޖާއަށް މަސައްކަތް ކުރައްވާ ދެ ވެރިން ކަމަށާއި ނަތީޖާ ފެނުމަށް ދެބޭފުޅުންވެސް އެދިވަޑައިގަންނަވާ އިރު، ދެގައުމުގެ ސަރުކާރުތަކަށް ދާންވީ މަގު ސާފުކޮށް އެނގޭ ކަމަށެވެ.

އެ ނުކުތާގައި އޭނާ ފާހަގަ ކުރައްވާފައި ވާ ގޮތުން، ފާއިތުވި 5 ވަރަކަށް އަހަރު އިންޑިއާގެ މޫނުމަތި ބަދަލު ވެފައި ވާ ކަމަށާއި، އުންމީދީ ކުރިއެރުމާއި ފާހަގަ ކޮށްލެވޭ ކާމިޔާބީތަކުން ކުރިމަގު ފުރިހަމައަށް ފެންނަ ކަމަށެވެ.

ސައުދީ އަކީ ގިނަ އަދަދަކަށް އިންޑިއާގެ މަސައްކަތްތެރިން ދިރިއުޅޭ ގައުމެކެވެ. ސައުދީގެ ރަސްކަމުގައި ހިންގާ އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކާއި އާންމު އިޖުތިމާއީ ގިނަ ހިދުމަތްތައް ދިނުމުގައި ވަޒަންވެރިވެގެން އުޅޭ އިންޑިއާގެ ރައްޔިތުންވެސް ގިނައެވެ. އެގޮތުން ޓެކްސީ ކުރުމާއި ކަންމަތީ ފިހާރަތައް ހިންގުމާއި އިގުތިސޯދީ އެކި ދާއިރާތަކުގައި އިންޑިއާގެ ރައްޔިތުން މަސައްކަތް ކުރެއެވެ.

އިންޑިއާ އާއި ސައުދީގެ ގުޅުމަކީ 100 އެތައް އަހަރެއްވީ ގުޅުމެއް ކަމަށާއި އަންޒަމާނުންސުރެ ވިޔަފާރީގެ ގުޅުންތައް ދަމަހައްޓަމުން ގެންގޮސްފައި ވާ ކަމަށް ހާރިޖީ ވަޒީރުގެ އިންޓަވިއުގައި ފާހަގަ ކުރައްވާފައި ވެއެވެ.

އިންޑިއާ އާ އެކު އާ މަޝްރޫއުތައް ފަށަން ސައުދީން މަޝްވަރާ ކުރާކަން މީގެ ކުރިންވެސް ހާރިޖީ ވަޒީރު ހާމަ ކުރައްވާފައި ވެއެވެ. އެގޮތުން ސައުދީގެ ހަކަތައިގެ ދާއިރާ ކުރިއެރުމަށް ވަރަށް ގިނަ ޕްލޭންތައް ހުރިކަން ހާމަ ކުރައްވަމުން އެ ދާއިރާ ތަރައްގީ ކުރުމަށް އިންޑިއާ އާއެކު މަސައްކަތް ކުރާކަމަށް ވިދާޅުވެފައި ވެއެވެ.

1500 ނޫސްވެރިން ބައިވެރިވި ސައުދީ މީޑިއާ ފޯރަމްގެ ހަވާސާފައި ހަކަތައާ ބެހޭ ވަޒީރު ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާންވެސް އެވާހަކަ ހާމަ ކުރައްވާފައި ވާ އިރު، އިންޑިއާގެ ގުޖުރާތު ކަނޑުން މެދުއިރުމައްޗަށް ގުޅާލައި ކަނޑުއަަޑީގެ ކޭބަލެއް އަޅާކަމަށް ބުނެފައި ވެއެވެ. ނަމަވެސް ދެގައުމުގެ ރަސްމީ އެއްވެސް އިދާރާއަކުން އެކަމުގެ ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާ އާއި ސައުދީ އާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ނިމިދިޔަ މާލީ އަހަރު އިންޑިއާއިން ވަނީ 42 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ކޮށްފައެވެ. އަދި މިހާރުގެ ވަލީ އަހުދު ޕްރިންސް ސަލްމާން، ސައުދީގެ ޒައާމަތަށް ވަޑައިގެން ފަހުން އިންޑިއާ އާއެކު ގުޅުންތައް ވަނީ އިތުރު ކުރައްވާފައެވެ. އެ ގުޅުމުގެ ތެރެއިން އޭނާ 2019 ވަނަ އަހަރު އިންޑީއާ އަށް ވަޑައިގެންފައި ވެސް ވެއެވެ.