ކުރިއަށް އޮތް ރޯދަ މަހަށް ހަނދު ބެލުން މި މަހުގެ 21 ވާ އަންގާރަ ދުވަހު ކުރިއަށް ބާއްވަން ނިންމައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު އިއުލާނެއްގައި ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ރޯދަމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ރޯދަމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ކަމަށެވެ.

އޭގެ އިތުރުން ޑީޖޭއޭއިން ބުނީ، އަތޮޅު ތެރޭގެ ރަށެއްގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރި މަތީގައި ކަމަށެވެ. ނަމަވެސް މެޖިސްޓްރޭޓެއް ނެތް ރަށެއްގައި ނަމަ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައި ކަމަށެވެ.

އަދި ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭ އިރު ގާތްގަނޑަކަށް ހަނދު ހުރި އުސްމިނާއި، މިސްރާބާއި، އަދި އެނޫންވެސް އެފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ.

ރޯދަމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މާޗް 21، 2023 ވާ އަންގާރަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެއެވެ.

އެގޮތުން މިއަހަރުގެ ރޯދަމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައި ނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް، ރަށްރަށުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ނެތް ރަށެއްގައި ނަމަ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ހާޒިރުވެ ހަނދާބެހޭ މައުލޫމާތު ދިނުމަށް ޑީޖޭއޭއިން އެދެއެވެ.

ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ހަރަދު ދޫކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ޑީޖޭއޭއިން ބުނެއެވެ. މި އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 23 ވާ ބުރާސްފަތި ދުވަހެވެ.