ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެ ގަނެ ގެދޮރު އަޅައިގެން ތިބި ޔަހޫދީންގެ ތެރެއިން 2 މީހަކު މަރުވުމުގެ ބަދަލުގައި ހަތިޔާރު އެޅި ފައުޖުތައް ނާބުލުސް އަށް ވަދެ 06 މީހަކު ޝަހީދުކޮށްލައިފިއެވެ.

ހަބަރުތައް ބުނާ ގޮތުން، ޔަހޫދީން މިހަމަލާ ދިނުމަށްޓަކައި، މަތިން ހެލިކޮޕްޓަރުތަކާއި ތިރިން ހަތިޔާރު ހުރި ވެހިކަލްތަކުގައި ވަދެ، ގެއެއް ވަށާލިއެވެ. އޭގެ ފަހުގައި އެ ގެއަށް ރޮކެޓް ހަމަލާއެއް ދީ ގޮއްވާލީއެވެ.

ޔަހޫދީން ވަޒަންވެރިންގެ ތެރެއިން 2 މީހަކު ަމރުވުމުގެ ބަދަލުގައި އެ ގެ ގޮއްވާލުމުން 06 މީހަކު ޝަހީދުވެ 11 މީހަކު ޒަހަމްވެފައި ވާ ކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާއިން ބުނެއެވެ.

މި ހަމަލާއަށް ފަހު އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ނެތުނު ބަޔާނެއްގައި ބުނީ، ޔަހޫދީންގެ ދެމީހުން މަރާލުމުގައި ބައިވެރިވި ފަލަސްތީނުގެ މުޖާހިދު ޝަހީދު ކޮށްލެވިފައި ވާ ކަމަށެވެ.

ނާބުލުސްގައި ހުރި އެ ގެއަށް ހަމަލާ ދިނުމަށް ފަހު ދެން ޔަހޫދީ ސިފައިން ވަށާލީ، ކައިރީގައި އޮންނަ އަސްކަރު ރެފިއުޖީ ކޭމްޕެވެ. އެ ކޭމްޕުގެ ގެއަކަށް ވަދެ 3 މީހަކު ހައްޔަރު ކޮށްފައި ވާ އިރު، އޭގެ ތެރެއިން 2 މީހުންނަކީ ޖެނިންގައި ގެ ކޮއްވާލައި ޝަހީދުކޮށްލި 49 އަހަރުގެ މީހާގެ ދެ ދަރިންނެވެ.

މި މައްސަލައިގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާން ނާބިލް އަބޫ ރުދައިނާ ވިދާޅުވީ، ފަލަސްތީނުގެ ޖެނީންގައި ދިން ރިކެޓް ހަމަލާއަކީ ހަނގުރާމައިގެ އަމަލެއް ކަމަށެވެ. އަދި ސުލްހައިގެ ވާހަކަތައް ފަށާފައިވާ މި ދަނޑިވަޅުގައި އެފަދަ ހަމަލާއެއް ދިނުމުގެ ސަބަބުން މަޝްހަރު އިތުރަށް ގޯސްވެގެން ދިޔުމުގެ ޒިންމާ އުފުލަން ޖެހޭނީ އިޒްރޭލުން ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

މި ކަމާ ގުޅިގެން އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އިޒްރޭލާއި ފަލަސްތީނުގެ އިސްފަރާތްތަކަށް ގުޅާފައެވެ. އެމެރިކާގެ ހާރިޖީ ވަޒީރު އެމްތަނީ ބްލިންކެން ގެ ކޯލުގައި ހަމަނުޖެހުން ހުއްޓާލުމަށް ދެފަރާތަށް ބާރުއެޅުއްވި ކަމަށް ހަބަރުތައް ބުނެއެވެ. ބްލިންކެން މިފަދައިން ވިދާޅުވި އިރު، މި ހަފްތާގައި އިޒްރޭލަށް ވަޑައިގަޔުމަށް ހަމަޖެހިފައިވާ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިންވެސް އެ މޭރުމުން އިޒްރޭލާ ވާހަކަ ދައްކަވާނެ ކަމަށް ބުނެއެވެ.

އެމެރިކާއިން އިސްކުރަނީ ސުލްހަ ކަމަށް ބުނެފައި ވީ ނަމަވެސް އަދި ދެފަރާތުގެ މަންދޫމުން ހިމެނޭހެން ޖޯޑަން އިސްނަގާ، މިސްރުވެސް ހިމެނޭހެން މަޝްވަރާތަކެއް ކުރިއަށް ގެންދިޔަނަމަވެސް ހަމަނުޖެހުންތައް ހުއްޓިދާނެ ކަމުގެ ކޮޅުމައްޗެއް ނުފެނެއެވެ. އަދި ކުރިމަތިވަމުން އަންނަނީ ރަމަޟާން މަސް ކަމަށް ވާއިރު، ކޮންމެ އަހަރެއްގެ ރަމަޟާން މަހު، ޔަހޫދީންގެ ހަމަލާތައް ވަރުގަދަކޮށް ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދު ކުރާކަން ރެކޯޑަތަކުން ދައްކައެވެ.