މިއަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ފައިސާ މިމަހުގެ 19ގައި ސަރުކާރު މުވައްޒަފުންނަށް ދޭން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ރޯދަ އިނާޔަތަކީ ކޮންމެ ރޯދަ އަކާ ދިމާކޮށް މުސްލިމު މުވައްޒަފުންނަށް ދޭ އިނާޔަތެކެވެ. ރޯދަ އިނާޔަތުގެ ގޮތުގައި ދޭން ޖެހެނީ ކޮންމެ މުސްލިމް މުވައްޒަފަކަށް 3000 ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާގައި ބުނީ މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު އެ މުވައްޒަފަކަށް އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން ކަމަށެވެ.

އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތް ނުދިނުމަށް އަންގާކަމަށް ވެސް އެ ސާކިއުލާގައި ބުނެއެވެ.

މީގެ އިތުރުން ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް، "ޕޭ ލީވް ސްކޮލަޝިޕް މުވައްޒަފުން އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށް ވެސް ވަނީ އަންގާފައެވެ.

އެފަދަ ލީވެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އޮފީހަށް ނުކުމެއްޖެ ނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށް ސާކިއުލާގައި ވަނީ ބުނެފައިވެއެވެ.

ރޯދަމަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް ކެނޑޭ މުވައްޒަފުން ވަޒީފާ އަދާ ކުރި ދުވަހަށް ޖެހޭ ފައިސާ ކަނޑާފައި ބާކީ އެ މުވައްޒަފެއްގެ އަތުން ހޯދަން ޖެހެއެވެ.