ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް ތަހުގީގީ އެއްވެސް އިދާރާއަކުން އަންގާފައި ނުވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ވެންޓިލޭޓަރު ހޯދުމަށް، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް، މާލިއްޔަތު ގާނޫނާ ހިލާފަށް 31 މިލިއަން ރުފިޔާ ދޫކުރި ސަބަބު ހޯދުމަށް ސުވާލު ކުރައްވާފައެވެ. އަދި އަފީފް ވަނީ ގާނޫނާ ހިލާފަށް ފައިސާ ދޫކޮށްފައި ވާނަމަ ފިނޭންސް މިނިސްޓްރީގެ މުވައްޒަފަށް އެޅި ފިޔަވަޅު ސާފުކޮށް ދިނުމަށްވެސް އެދިވަޑައިގެންފައެވެ.

އަފީފްގެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ފިނޭންސް މިނިސްޓްރީން ވެންޓިލޭޓަރު ހޯދުމަށް އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވެއެވެ. އަދި ތަހުގީގީ އެއްވެސް އިދާރާއަކުން އެ މިނިސްޓްރީގެ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް އަންގާފައި ނުވާކަމަށް އަމީރު ވިދާޅުވިއެވެ. މީގެ އިތުރުން އަމީރު ވިދާޅުވީ ވެންޓިލޭޓަރު މައްސަލައާ ގުޅިގެން ޕްރޮކިއުމެންޓް ހަރުދަނާކުރުމަށް އޭސީސީން އެންގި ކަންކަން މިހާރު އިސްލާހު ކޮށްފައި ވާނެކަމަށެވެ.

ކޮވިޑް19 ގެ ތެރޭގައި ދިވެހި ސަރުކާރުން ބޭންކު ގެރެންޓީއަކާ ނުލާ 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް 34 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އެހެންނަމަވެސް އެއްބަސްވުމާއި އެއްގޮތަށް ރާއްޖެއަށް 75 ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ބަދަލުގައި ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި އޭސީސީން ވަނީ ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައެވެ. މީގެ އިތުރުން ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދުމަށް ސަރުކާރުގެ ފަރާތުން ވަނީ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފައެވެ.