ކުރީ ސަރުކާރުން ޕޮލިސް ސްޓޭޝަންތަކެއް އެޅުމަށް ކަމަށް ބުނެ އިންޑިއާގެ ކުންފުނަޏަކަށް ވަނީ 3.6 މިލިއަން ދީފައި ކަމަށާއި އެ ޕްރޮޖެކްޓުގެ އެއްވެސް މަސައްކަތެއް ނުހިނގާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވީ، ކުރީގެ ސަރުކާރާ އެކު އެއްބަސްވުމެއް ހަދައިގެން 61 ރަށެއްގައި ޕޮލިސް އިމާރާތް އަޅަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 41 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާކަމަށާއި، އެ މަސައްކަތް ހަވާލުކުރީ އިންޑިއާގެ އިންދިރާ ޕްރޮޖެކްޓް ޖޮއިންޓް ވެންޗާ ކުންފުންޏާ ކަމަށެވެ.

ނަމަވެސް މިހާތަނަށްވެސް އެ ކުންފުނި ވީ ތަނެއް، އެ ކުންފުންޏާ ވާހަކަ ދައްކަން ޖެހޭ މީހެއް އަދި ކުންފުނީގެ ފަރާތުން، ޕޮލިސް ސްޓޭޝަންތައް އަޅަން ކުރިއަށް ދާން ޖެހޭ ގޮތެއްވެސް ހޯދިފައި ނުވާކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

ދިވެހި ސަރުކާރުން އެޑްވާންސްގެ ގޮތުގައި ޖަމާކުރި 3.6 މިލިއަން ޑޮލަރު ގެއްލުނު މައްސަލަ ބަލައިދޭން ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޮގަސްޓް 13، 2023 ގައި، އެބައޮތް އަންގާފައި މިހާރު އިންޑިއާ އެގްޒިމް ބޭންކުން އެ ލޯނު ފައިސާ ނުދޭން ނިންމި ވާހަކަ. އެ ފައިސާ ނުލިބޭ ގޮތަށް އަންގާފައި އޮތް ވާހަކަ އެބައޮތް މި ސަރުކާރަށް އަންގާފައި. އެހެން ނަމަވެސް އޭރު ސަރުކާރުން މި އޮތީ 3.6 މިލިއަން ޑޮލަރު އެ ކުންފުޏަށް ދީފައި،
މިނިސްޓަރު އިހުސާން

ނަމަވެސް އިހުސާން ފާހަގަކުރެއްވި ގޮތުގައި، ޕޮލިސް ސްޓޭޝަންތައް އިމާރާތް ކުރުމުގެ މަސައްކަތަށް ލޯނު ނުދޭން ނިންމިކަން އިންޑިއާގެ އެގްޒިމް ބޭންކުން އޮގަސްޓް 13، 2023 ގައި ދިވެހި ސަރުކާރަށް އެންގި ނަމަވެސް އެ ބޭންކުގެ ހިލޭ އެހީގެ ދަށުން ފަސް މިލިއަން ޑޮލަރު ދޭނެކަން ވެސް އެންގިއެވެ.

އެއާ އެކު ފިނޭންސް މިނިސްޓްރީން ފުލުހުންގެ އިދާރާ އަށް އޮގަސްޓް 24، 2023 ގައި އެކަން އެންގި ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

މި މައްސަލަ ފެންމަތިވެފައިވާއިރު، ކޮވިޑް-19 ގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ނުގެނައި މައްސަލާގައި ވެސް ދިވެހި ސަރުކާރަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައެވެ.

މި ވެންޓިލޭޓަރުތައް ގަތުމަށް އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލުކުރީ އެޕްރީލް 2020 ވަނަ އަހަރުއެވެ. އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުން ވަނީ 30 މިލިއަން ރުފިޔާ ދައްކާފައެވެ. ނަމަވެސް އެ ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދިވެހި ސަރުކާރުން އާބިޓްރޭޝަނަށް މައްސަލަ ހުށައެޅީ 2023 ވަނަ އަހަރުގެ ފެބްރުއަރީ 16 ގައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖެއަށް ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1.8 މިލިއަން ޑޮލަރު (29.1 މިލިއަން ރުފިޔާ) އެގްޒިކިއުޓާޒް އިން ސަރުކާރަށް ދެއްކުމަށާއި އަދި މެއި 2021 ގެ ފެށިގެން އެ ފައިސާ ދެއްކުމާ ހަމައަށް ކޮންމެ އަހަރަކަށް %2 ގެ އިންޓަރެސްޓަށްވާ ފައިސާ ދައްކަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.