ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ކޮރަޕްޝަނާއި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އޮޑިޓް އޮފީހުން ހެދި އޮޑިޓް ރިޕޯޓުން ހާމަވެ، މި މައްސަލަ މި ސަރުކާރުން އަލުން ބަލަން ފަށައިފިއެވެ.

ދުބާއީގެ މި ކުންފުންޏާއި އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދިވެހި ސަރުކާރުން ދީފައެވެ.

މި މައްސަލައިގެ ހިޔާނާތާއި އޮޅުވާލުމުގެ ބައި މި ސަރުކާރުން އަލުން ބަލަން ނިންމާފައިމިވަނީ މި މައްސަލައިގައި އޭސީސީން އެތައް ފަހަރެއްގެ މަތިން ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް އެދިފައިވަނިކޮށެވެ.

މި މައްސަލައިގައި އޭސީސީން، އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ އެކު އެ މިނިސްޓްރީގައި މަސައްކަތް ކުރި 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ވެސް ފޮނުވިއެވެ. ނަމަވެސް ފަހުން އަމީން ހިމެނޭ ގޮތުން ބައެއް މީހުން އެ ލިސްޓުން އުނިކުރުމަށް ފަހު ވެސް ދައުވާކޮށްދޭން މައްސަލަ ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް މި މައްސަލައިގައި ދައުވާ ކޮށްފައެއް ނުވެއެވެ.

މި ވެންޓިލޭޓަރުތައް ގަތުމަށް އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލުކުރީ އެޕްރީލް 2020 ވަނަ އަހަރުއެވެ.

މިއަދު ނެރުނު ބަޔާނެއްގައި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު އާބިޓްރޭޝަންގެ ރޫލިން ނުވަތަ ހުކުމް ނެރެފައިވާ ކަމަށެވެ. އެ ބަޔާނުގައި ވަނީ ރާއްޖެއަށް ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1.8 މިލިއަން ޑޮލަރު (29.1 މިލިއަން ރުފިޔާ) އެގްޒިކިއުޓާޒް އިން ސަރުކާރަށް ދެއްކުމަށާއި އަދި މެއި 2021 ގެ ފެށިގެން އެ ފައިސާ ދެއްކުމާ ހަމައަށް ކޮންމެ އަހަރަކަށް %2 ގެ އިންޓަރެސްޓަށްވާ ފައިސާ ދައްކަން އަންގާފައެވެ.

މީގެއިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 223،750 ޑޮލަރު (3.4 މިލިއަން ރުފިޔާ) ސަރުކާރަށް ދެއްކުމަށާއި އެ ކުންފުނުން އާބިޓްރޭޝަންގެ އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައި ނުވާތީ އާބިޓްރޭޝަން ފީގެ ގޮތުގައި ސަރުކާރުން ދެއްކި ޖުމްލަ އަދަދު ކަމަށްވާ 132،865 ޑޮލަރު (2 މިލިއަން ރުފިޔާ) އެ ކުންފުނީގެ އަތުން ހޯދުމަށްވެސް އާބިޓްރޭޝަނުން ނިންމާފައިވާ ކަމަށެވެ.