ކޮވިޑުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން، އެ ވެންޓިލޭޓަރުތައް ފޯރުކޮށްދީފައިނުވާތީ، އެ ކުންފުނީގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށް ފުލުހުންގެ ކިބައިން އެދިއްޖެއެވެ.

މި ވެންޓިލޭޓަރުތައް ގަތުމަށް އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލުކުރީ އެޕްރީލް 2020 ވަނަ އަހަރުއެވެ. އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުން ވަނީ 30 މިލިއަން ރުފިޔާ ދައްކާފައެވެ. ނަމަވެސް އެ ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދިވެހި ސަރުކާރުން އާބިޓްރޭޝަނަށް ފުރަތަމަ މައްސަލަ ހުށައެޅީ 2023 ވަނަ އަހަރުގެ ފެބްރުއަރީ 16 ގައެވެ.

އެއާއެކު އާބިޓްރޭޝަނުން ވަނީ ރާއްޖެއަށް ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1.8 މިލިއަން ޑޮލަރު (29.1 މިލިއަން ރުފިޔާ) އެގްޒިކިއުޓާޒް އިން ސަރުކާރަށް ދެއްކުމަށާއި އަދި މެއި 2021 ގެ ފެށިގެން އެ ފައިސާ ދެއްކުމާ ހަމައަށް ކޮންމެ އަހަރަކަށް %2 ގެ އިންޓަރެސްޓަށްވާ ފައިސާ ދައްކަން އަންގާފައެވެ.

މީގެއިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 223،750 ޑޮލަރު (3.4 މިލިއަން ރުފިޔާ) ސަރުކާރަށް ދެއްކުމަށާއި އެ ކުންފުނުން އާބިޓްރޭޝަންގެ އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައި ނުވާތީ އާބިޓްރޭޝަން ފީގެ ގޮތުގައި ސަރުކާރުން ދެއްކި ޖުމްލަ އަދަދު ކަމަށްވާ 132،865 ޑޮލަރު (2 މިލިއަން ރުފިޔާ) އެ ކުންފުނީގެ އަތުން ހޯދުމަށްވެސް އާބިޓްރޭޝަނުން ވަނީ ނިންމާފައެވެ.

ނަމަވެސް މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެގްޒެކިއުޓާސް ކުންފުނީގެ ވެރިމީހާ ރެސްޕޮންޑުވެސް ނުކުރާކަމަށާއި، އެ ފައިސާ ހޯދޭނެ ގޮތެއް ވެސް ނުވި ކަމަށެވެ. ނާޒިމް ވިދާޅުވީ ރެޑް ނޯޓިސް ނެރޭ ހިސާބުން ކުންފުނީގެ ވެރިޔާ ހޯދޭނެ ކަމަށާއި އެއާއެކު އިތުރު ބަޔަކަށް މި ކަމުގައި ރިޝްވަތުގެ ގޮތުގައި ފައިސާ ދިންކަންވެސް ނުވަތަ ނޫންކަންވެސް ހާމަވެގެން ދާނެ ކަމަށެވެ.

ރެޑް ނޯޓިސް ނެރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި މަޝްވަރާކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.