ވެންޓިލޭޓަރު މައްސަލަ މިހާރު ގޮސްފައިވާ ހިސާބުން ބަދަލު ލިބުން ނާދިރު ކަމަށް އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިއަދު ޑިފެންސް މިނިސްޓަރީއާއެކު އެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި އާބިޓްރޭޝަނުން ނިންމާފައިވަނީ އެ ކުންފުނިން ދައުލަތަށް ފައިސާ ދޭން ޖެހޭނެ ކަމަށާއި އެގޮތުން އެ ކުންފުނިން 32،50574000 ރުފިޔާ ދިނުމަށް އާބިޓްރޭޝަނުން ނިންމާފައިވާ ކަމަށެވެ.

އުޝާމް ވިދާޅުވީ އާބިޓްރޭޝަން މަސައްކަތް ކުރިއަށް ދިޔައިރުގައި އެ ކުންފުންޏެއް ވީ ތަނެއް ނޭނގުނު ކަމަށާއި އެއްވެސް އަޑުއެހުމަކަށް އެ ކުންފުނީގެ ފަރާތުން ހާޒިރެއްވެސް ނުވާ ކަމަށެވެ. އަދި އެއްވެސް ބަޔާނެއް އާބިޓްރޭޝަނަށް ހުށަހަޅާފައި ނުވާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ އާބިޓްރޭޝަން ހިނގާ ގޮތުން އާބިޓްރޭޓަރަށްވެސް އަދި އާބިޓްރޭޝަން ސެންޓަރަށްވެސް ފީ އެއް ދައްކަން ޖެހޭ ކަމަށެވެ. އަދި ކަންދިމާ ކުރި ގޮތުން އާބިޓްރޭޓަރަށާއި އާބިޓްރޭޝަން ސެންޓަރަށް ދެކޮޅުން ދައްކަން ޖެހޭ ފައިސާ ވެސް ދައްކަން ޖެހުނީ ސަރުކާރުން ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ވެންޓިލޭޓަރުތައް ނުލިބުތާ އާބިޓްރޭޝަނަށް ހުށަހަޅައިގެން ވެސް ދައުލަތުން ވަރަށް ބައިވަރު ހަރަދުތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

"ކަންދިމާ ކުރި ގޮތުން އާބިޓްރޭޓާއަށް ދެކޮޅުން ދައްކަން ޖެހޭ ފައިސާ ވެސް ދައްކަން ޖެހުނީ ސަރުކާރުން. އާބިޓްރޭޝަން ސެންޓަރަށް ދެކޮޅުން ދައްކަން ޖެހުނު ފައިސާވެސް ދައކަން ޖެހުނީ ސަރުކާރުން. ވެންޓިލޭޓަރުތައް ނުލިބުތާ އާބިޓްރޭޝަނަށް ހުށަހަޅައިގެން ވެސް ދައުލަތުން ވަރަށް ބައިވަރު ހަރަދުތަކެއް ކުރަން ޖެހިފައި އޮތީ"
އުޝާމް

އުޝާމް ވިދާޅުވީ އެ ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏަކަށްވާތީ އެންފޯސްމަންޓަށް ދާން ޖެހެނީ ދުބާއީއަށް ކަމަށާއި ދުބާއީގެ ކޯޓުތަކަށް އެ މައްސަލަ ހުށަހެޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ. އަދި މިހާތަނަށް އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރުގައި އެ ފައިސާ ލިބުން ވަރަށް ނާދިރު ކަމަށާއި އެހެން ނަމަވެސް އެ ފައިސާ ހޯދުމަށް ޓަކައި ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ކުރާނެ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

އުޝާމް އިތުރަށް ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި ދިވެހި ދައުލަތަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވާ ކަމަށާއި އެހެން ކަމުން އެ ފައިސާ ހޯދުމަށް އެހެން ތަންތަނަށްވެސް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމަށާއި އެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދާ ކަމަށެވެ.

ދުބާއީގެ މި ކުންފުންޏާއި އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދިވެހި ސަރުކާރުން ދީފައެވެ. ނަމަވެސް އެ ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދިވެހި ސަރުކާރުން އާބިޓްރޭޝަނަށް މައްސަލަ ހުށައެޅީ 2023 ވަނަ އަހަރުގެ ފެބްރުއަރީ 16 ގައެވެ.