ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އަންނަ ހެޔޮ ބަދަލާ ގުޅޭ މައުލޫމާތު ކުރިއަށް އޮތް 2-3 ދުވަސްތެރޭ ސަރުކާރުން ހާމަކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ. މިއުވާން ވިދާޅުވީ، ރައީސްގެ ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ތައުލީމީ ދާއިރާގެ މުސާރަ އަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.

ރައީސް ވަނީ އަންނަ މޭ މަހުގެ 1 އިން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ވުޒާރާތަކުގާ 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިބި ހުރިހާ މުވައްޒަފުންނަށް 1 މޭއިން ފެށިގެން އެލަވަންސް ލިބެން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު، ޝަރުއީ ދާއިރާ އާ އިމާމުންނާ މުދިމުންނާ އަދި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މިދިޔަ އަހަރު ރައީސް ކަމުގެ މަގާމުގައި ހުންނަވާ އެމަނިކުފާނު ދެންނެވި ގޮތަށް ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެންނެވި ކަން ފާހަގަކުރައްވާފައެވެ.

މިމަހު ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު ޓީޗަރުންގެ މުސާރަ ބޮޑުކުރި ނަމަވެސް އެމްއެންޔޫ އަދި އައިޔޫއެމްގެ ޓީޗަރުންގެ މުސާރައަށް ބަދަލެއް ގެނެސްފައި ނުވާތީ މިދިޔަ އަހަރު އެމްއެންޔޫ އަދި އައިޔޫއެމް ޓީޗަރުން ވަނީ އިހުތިޖާޖުކޮށްފައެވެ.

އެ އިހުތިޖާޖުގެ ބައިވެރިން ވަނީ އެމީހުންގެ މުސާރަ ވެސް ބޮޑުކޮށްދިނުމަށް ގޮވާލާފައެވެ. މީގެ އިތުރުން ޔުނިވާސިޓީ މުވައްޒަފުން ބާކީ ނުކޮށްލުމަށް ވެސް ބައިވެރިން ވަނީ ގޮވާލާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައި ވަނީ މިދިޔަ އަހަރުގެ މިމަހު 1 ވަނަ ދުވަހުުއެވެ.