ދިވެހިރާއްޖޭގެ ދިގު ތާރީހުގައި ހިނގާދިޔަ އެންމެ އުފާވެރި، އަދި މުޅި ގައުމުގެ ހަޟާރަތާއި ސަގާފަތަށް އެންމެ ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދިން ހާދިސާއަކީ ދިވެހިރާއްޖެ އިސްލާމްވުމުގެ ހާދިސާއެވެ. ހަސަން ތާޖުއްދީނުގެ ތާރީހުގައި ލިޔުއްވާފައިވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރީ ސަނަތުން 548 ވަނަ އަހަރު ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހެވެ. އެއީ މީލާދީ ސަނަތުން 1153 ވަނަ އަހަރެވެ. ރާއްޖެ އިސްލާމްވީ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1374 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހުއެވެ. އެއީ މީލާދީން 1954 ވަނަ އަހަރެވެ.

ދިވެހިރާއްޖެ އިސްލާމްވިތާ ހިޖުރީ ގޮތުން 900 އަހަރު ފުރޭ މުނާސަބަތު، ހިޖުރީ ގޮތުން 1448 ވަނަ އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، މި ތާރީހީ މުނާސަބަތަކީ ގައުމީ މަސްލަހަތު އިސްކޮށް، އިސްލާމީ ވަހުދަތު ވަރުގަދަކުރަން ލިބޭ މުހިންމު ފުރުސަތެކެވެ.

މި އުފާވެރި މުނާސަބަތު ފާހަގަކުރަން ތައްޔާރުވަމުންދާއިރު، އަޅުގަނޑުމެންގެ މުޖުތަމައުގެ އެތެރެއަށް ނަޒަރު ހިންގާލުން މުހިންމެވެ. މިއަދު ފެންނަމުންދަނީ ހިތާމަވެރި މަންޒަރެކެވެ. ބޭރު ފުށުން ކުލަގަދަ ހަފްލާތަކެއް ބޭއްވިޔަސް، އަޅުގަނޑުމެންގެ ޅަދަރިންގެ ކިބައިގައި އިސްލާމީ އަގީދާއާއި ދިވެހިވަންތަކަން ދަނީ ފަނޑުވަމުންނެވެ. ގަރުނުތަކެއް ވަންދެން ދިވެހިން ހިފަހައްޓަމުން އައި ދީނީ އަގުތަކާއި އުސޫލުތައް މިއަދުގެ ޒުވާން ޖީލާ ހަމައިން ބީވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ.

އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި އިސްލާމާއި ދިވެހި މާއްދާގެ ނަތީޖާ ދަށަށް

މިކަމުގެ އެންމެ ސާފު ހެއްކަކީ ތައުލީމީ ނިޒާމުގެ ތެރެއިން ފެންނަމުންދާ ނަތީޖާތަކެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި އިސްލާމާއި ދިވެހި މާއްދާއިން ދަރިވަރުން ހޯދާ ނަތީޖާ ވަނީ ކަންބޮޑުވާ މިންވަރަކަށް ދަށަށް ގޮސްފައެވެ.

ސްކޫލް ކުދިން ކްލާހެއްގައި ކިޔަވަނީ ފޮޓޯ: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ފަހުގެ ނަތީޖާތަކަށް ބަލާއިރު އިސްލާމް މާއްދާއިން ފާސްވާ މިންގަނޑު ނުވަތަ 'ސީ' ގްރޭޑް ލިބޭ މިންވަރު ވަނީ 34 އިންސައްތައަށް ދަށްވެފައެވެ. މިއީ 2019 ވަނަ އަހަރު 50 އިންސައްތައިގައި ހުރި މިންގަނޑެކެވެ. ހަމައެހެންމެ، ދިވެހި މާއްދާއިން ފާސްވާ މިންގަނޑު ވެސް ވަނީ 45 އިން 35 އަށް ދަށްވެފައެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވި ގޮތުގައި މި މާއްދާތަކުގެ ނަތީޖާ ދަށްވަމުންދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

އަދި މި މާއްދާތައް ކިޔަވައިދޭނެ ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަކީ ވެސް މިއަދު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ހަމައެކަނި އިމްތިހާނެއްގެ ނަތީޖާ ދަށްވުމެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ މާދަރީ ބަހާއި ދީނީ މަންހަޖަށް ދަރިވަރުންގެ މެދުގައި ދެވޭ އަހައްމިއްޔަތުކަން ކުޑަވަމުންދާ ކަމުގެ ސާފު ހެއްކެކެވެ.

ދިވެހި ބަހާއި އިސްލާމް ދީނަކީ ދިވެހިންގެ ގައުމިއްޔަތުގެ މައިބަދަ ކަމަށްވާއިރު، މި ދެ މާއްދާއިން ކުދިން ފެއިލްވުމަކީ މުޅި ގައުމިއްޔަތު ބަލިކަށިވަމުންދާ ކަމުގެ ނިޝާނެކެވެ.

ހުޅަނގުގެ ސަގާފަތުގެ ނުފޫޒު ދިވެހި މުޖުތަމައުގެ ތެރެއަށް

ތައުލީމީ ނަތީޖާތަކުގެ އިތުރުން، ޒުވާނުންނާއި ކުޑަކުދިންގެ އުޅުމާއި ގުޅުމަށް އަންނަމުންދާ ބަދަލުތަކަކީ ވެސް ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ. ދުނިޔެވީ އޮއިވަރާއި ހުޅަނގުގެ ސަގާފަތުގެ ނުފޫޒު ދިވެހި މުޖުތަމައުގެ ތެރެއަށް ވަނީ ވަރަށް ބޮޑަށް ވަދެފައެވެ. ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ކަމަށްވާ ޓިކްޓޮކާއި ޔޫޓިއުބް ފަދަ ވަސީލަތްތަކުގެ ސަބަބުން ކުދިންގެ ވިސްނުމާއި ފިކުރު ބައްޓަންވަމުންދަނީ ބޭރުގެ އާދަކާދަތަކަށެވެ.

އީދު ފާހަގަ ކުރަނީ / ފޮޓޯ: ސޯޝަލް މީޑިއާ

ގިނަ ކުދިންނަށް ދިވެހި ބަހަށް ވުރެ ފަރިތަކޮށް އިނގިރޭސި ބަހުން ވާހަކަދައްކަން އެނގޭއިރު، ދިވެހިވަންތަ އިސްލާމީ އާދަކާދަތައް ވަނީ ބީރައްޓެހި ކަންކަމަށް ވެފައެވެ. މިއީ ހަމައެކަނި ޓެކްނޮލޮޖީގެ މައްސަލައެއް ނޫނެވެ. މިއީ މިއަދުގެ ބެލެނިވެރިކަމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ނަތީޖާ ވެސް މެއެވެ. ދަރިންނަށް ދީނީ ތަރުބިއްޔަތު ދިނުމަށް ވުރެ ބޮޑަށް، މާއްދީ ކުރިއެރުމަށް އިސްކަންދެވޭ މަންޒަރު ގިނަ އާއިލާތަކުން ފެނެއެވެ.

ނަތީޖާއެއްގެ ގޮތުން، ޒަމާނުއްސުރެ ދިވެހިން ހިފަހައްޓަމުން އައި އިސްލާމީ ރިވެތި އުސޫލުތަކާ ޒުވާން ޖީލު ދަނީ ދުރުވަމުންނެވެ. ހެދުން އެޅުމުގެ ވައްޓަފާޅިއާއި، މުއާމަލާތްކުރުމުގައި ބޭނުންކުރާ ބަހުރުވައާއި، ދިރިއުޅުމުގެ އާދަތައް ވަނީ ހުޅަނގުގެ މުޖުތަމައުތަކާ އެއްގޮތްވާން ފަށާފައެވެ. މިއީ 900 އަހަރުގެ ދިގު ތާރީހެއް އޮތް އިސްލާމީ ގައުމަކަށް އެކަށީގެންވާ މަންޒަރެއް ނޫނެވެ.

ދިވެހިން އެންމެ ކުލަގަދަކޮށް ފާހަގަކުރަމުންދާ އީދުގެ މުނާސަބަތުގައި ވެސް އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ކުލަ ޖެހުމާއި، މިޔުޒިކް ޝޯތަކާ ނެށުންތަކާއެކު މި މުނާސަބާތައް ފާހަގަކުރާގޮތް ވެސް މިއަދު މިވަނީ ބޭރުގެ ސަގާފަތްތަކާ މަސްހުނިކޮށްފައެވެ. މިއީ ހަގީގަތުގައި ވެސް ވިސްނާލަން ޖެހޭ ކަންކަމެވެ.

ހާލަތު ބަދަލުކުރުމަށް ޓަކައި، ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މުހިންމު

މި ހާލަތު ބަދަލުކުރުމަށް ޓަކައި، ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މުހިންމެވެ. އެންމެ ފުރަތަމަ ކަމަކަށް ތައުލީމީ ނިޒާމުގެ ތެރެއިން އިސްލާމް ދީނާއި ދިވެހި ބަސް ކިޔަވައިދޭ ގޮތް އިތުރަށް ހަރުދަނާކޮށް ކުދިން ޝައުގުވެރިވާ ފަދަ ޒަމާނީ ގޮތްތަކެއް ތައާރަފުކުރަން ޖެހެއެވެ. ފޮތްތަކުގައި ހުންނަ އިބާރާތްތައް ހިތުދަސްކުރުމުގެ ބަދަލުގައި އިސްލާމީ ރިވެތި އުސޫލުތައް އަމަލީ ގޮތުން ބޭނުންކުރާނެ ގޮތް ދަސްކޮށްދޭން ޖެހެއެވެ.

ކުޑަކުދިންގެ ހިތްތަކުގައި އިސްލާމީ ރިވެތި އާދަތައް އަށަގެންނެވުމަކީ ހަމައެކަނި ސްކޫލުގެ ޒިންމާއެއް ކަމުގައި ނުދެކި ބެލެނިވެރިންނާއި އާއިލާތަކުން އެކަމާ ހަވާލުވާން ޖެހެއެވެ. ގޭތެރޭގެ މާހައުލަކީ ނަމާދުކުރުމާއި ގުރުއާން ކިޔެވުމާއި އިސްލާމީ އަހުލާގު ދަސްކޮށްދޭ މަދަރުސާއަކަށް ހަދަން ޖެހެއެވެ.

ހުތުބާ އަޑުއަހަން ތިބި މީހުން / ފައިލް ފޮޓޯ: ދަ ޕްރެސް

މީގެ އިތުރުން ޒުވާނުންނާއި ކުޑަކުދިންނާ ގުޅޭ ގޮތަށް، އެ ކުދިންގެ ވިސްނުމާ ގުޅޭ ފަދަ ދީނީ ޕްރޮގްރާމްތައް މުޖުތަމައުގެ ތެރޭގައި ގިނަކުރަން ޖެހެއެވެ. އިސްލާމިކް މިނިސްޓްރީން ފަށާފައިވާ ޒުވާން ހަތީބުންގެ ޕްރޮގްރާމް ފަދަ ހަރަކާތްތައް ފުޅާކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން އިސްލާމީ ތަރުބިއްޔަތު ދޭނެ އިތުރު މަސައްކަތްތަކެއް ފަށަން ވަނީ މަޖުބޫރުވެފައެވެ. ކުޑަކުދިންނަށް ހާއްސަކޮށްގެން އިސްލާމީ ފަލްސަފާ ހިމެނޭ ފޮތްތަކެއް ދާދި ފަހުން ނެރެފައިވާއިރު މިފަދަ ވަސީލަތްތައް ބޭނުންކޮށްގެން ތުއްތު އިރުންސުރެ ދީނީ ލޯބި ޖައްސަން ޖެހެއެވެ.

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަކީ ހަމައެކަނި ތާރީހީ މުނާސަބަތެއް ފާހަގަކުރުމެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ އަމިއްލަ ނަފުސާ ސުވާލުކޮށްލަން ލިބޭ ފުރުސަތެކެވެ. ހަގީގީ ކާމިޔާބީއަކީ އަންނަން އޮތް ޖީލުތަކަށް ސާފު ސީދާ އިސްލާމީ އަގީދާ ފޯރުކޮށްދިނުމެވެ.

ސަރުކާރާއި، ތައުލީމީ ދާއިރާއާއި، ބެލެނިވެރިން ގުޅިގެން މިއަދު ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ އަޅުގަނޑުމެންގެ ފަހުރުވެރި އިސްލާމީ ތާރީހު ހަމައެކަނި ފޮތްތަކުގައި ލިޔެފައިވާ މާޒީއަކަށް ވެދާނެއެވެ. އެހެންކަމުން ކުލަގަދަ ރަސްމިއްޔާތުތަކަށް ވުރެ ބޮޑަށް ދަރިންގެ ހިތްތަކުގައި އީމާންކަން ވަރުގަދަކުރުމަށް މިއަދު އަމަލީ މަސައްކަތްތަކެއް ފެށުން މުހިންމެވެ.