ރާއްޖޭގެ އުތުރާއި ދެކުނުގެ ވިޔަފާރި ބަނދަރުތައް ތަރައްގީކުރުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ރައްޔިތުންގެ މިޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އައްޑޫ އިންޓަނޭޝަނަލް ޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރަމުން ޝިޔާމް ވިދާޅުވީ ދެކުނާއި އުތުރުގެ ވިޔަފާރި ކުރިއެރުވުމަށް އައްޑޫ އަދި ކުޅުދުއްފުށީ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. ސަރުކާރުން އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އައްޑޫ އަދި ކުޅުދުއްފުށީ ޕޯޓް ތަރައްގީ ކުރުމަށް ގާކޮޅެއްވެސް ފުރޮޅާނުލާ ކަމަށެވެ. އަދި ކުޅުދުއްފުށީ ސީ ޕޯޓާއި އެއާޕޯޓް އަޕްގްރޭޑް ކުރަން މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ އައްޑޫ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން، އެ ސިޓީގެ ޕޯޓް ތަރައްގީ ކުރަން ބޭނުންވަނީ 211 މިލިއަން ރުފިޔާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން އަންނަކަމަށެވެ. އެހެންނަމަވެސް އެކަމަށް ސަރުކާރުން އެއްވެސް ހޭދައެއް ނުކުރާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ ސަރުކާރުން 211 މިލިއަނަށް ވުރެ ގިނަ ފައިސާ އިސްރާފު ކޮށްފައިވާ ކަމަށެވެ. އަދި ބަޖެޓުގައި ހަރަދުކުރުމަށް 180 ބިލިއަން ކަނޑައަޅާފައި ވާއިރު 62 ބިލިއަން ރުފިޔާގެ ދަރެނި އުފައްދާފައި ވަނީ ދެކުނާއި އުތުރުގެ ވިޔަފާރި ތަރައްގީއަށް އެއްވެސް މަސައްކަތެއް ނުކުރެވިކަމަށް ޝީޔާމް ވިދާޅުވިއެވެ.

ސަރުކާރުން ފެށި ކޮޗިން ފެރީއަށް 'ޖޯކު' ޖައްސަވަމުން ޝިޔާމް ވިދާޅުވީ ބޮލި ހިލައިގެން ބޮލި ބޭރުކުރުމަށާއި ރޯނު ބޭރުކުރުމަށް ވާހަކަދެއްކެވި މެންބަރުން މިއަދު މަޖިލީހުގައި އެ ވާހަކަ ނުދައްކަވަނީ ކޮޗިން ފެރީ 'ޗޮކުން' ދިއުމުން ކަމަށެވެ.