ގދ. ތިނަދޫގައި ގާއިމް ކުރާ ޓާޝަރީ ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުން ދާތާ އަހަރު ދުވަސް ވެއްޖެކަން މިއަދު ހާމަވެއްޖެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހު ކޮޅު، ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެން އެ ހޮސްޕިޓަލާ ގުޅޭ ގޮތުން މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވާފައެވެ.

އޭރު ނަސީމް ވިދާޅުވީ، އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް ކުރުމަށް އިއުލާން ކޮށް، ހޮސްޕިޓަލް ޑިޒައިން ކުރާނެ ފާމަކަށް (ބަޔަކަށް) އެވޯޑް ކުރި ކަމަށެވެ. އަދި އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކޮންދޭނެ ފަރާތެއް ހޯދުމަށް 2022ގެ ދެވަނަ ކުއާޓަރު ތެރޭގައި ޓެންޑަރިންއަށް ހުޅުވާލުމަށް ހަމަޖެހިފައި އޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އަހަރު ދުވަސް ފަހުން މިއަދު، މަޖިލީހުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ވަނީ ލިޔުމުން ޖަވާބު ހޯއްދެވުމަށް މިނިސްޓަރު ނަސީމަށް ސުވާލުތަކެެއް ހުށަހަޅުއްވާފައެވެ. މުޣުނީ ކުރެއްވި ސުވާލުތަކަކީ، ތިނަދޫގައި އަލަށް ގާއިމް ކުރާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް މިހާރު އޮތީ ކޮން ހިސާބެއްގައިތޯއާއި އަމަލީ މަސައްކަތް ފެށޭނެ ތާރީހަކީ ކޮބައިތޯއެވެ.

މަޖިލީހަށް ލިޔުމުން ނަސީމް ޖަވާބު ހުށަހަޅުއްވާފައިވާ އިރު، އެ ސިޓީ ވަނީ މަޖިލީހުގެ އަމީންއާމް އިއްވާފައެވެ. އެ ސިޓީގައި ވިދާޅުވެފައި ވަނީ، މިހާރު ކުރިއަށް ދަނީ ޓާޝަރީ ހޮސްޕިޓަލް ޑިޒައިންގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ނިމުނުހާ އަވަހަކަށް އިމާރާތް ކުރަން ފަށާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުން ސުރެ ޑިޒައިން ކުރާ އެ ހޮސްޕިޓަލް އަދިވެސް ޑިޒައިން ކުރުމައި އޮތުމުން ގިނަ ސުވާލުތަކެއް އުފެދެއެވެ.