އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސްވެރިންނާއި، ދީނީ ޖަމިއްޔާ، ޖަމިއްޔަތުއްސަލަފްގެ އިސް ސަފުގައި ހަރަކާތްތެރިވާ ދީނީ އިލްމުވެރިން މިއަދު ބައްދަލުކޮށްފިއެވެ.

ސަލަފްގެ އޮފީހުގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމްގެ އިތުރުން، ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު، އަދި އެ ޕާޓީގެ ނައިބު ރައީސް އަދި ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއެވެ.

މިއަދު ޕީޕީއެމުން ކުރި ޓްވީޓެއްގައި ބުނީ، ސަލަފް ޖަމިއްޔާ އާ އިދިކޮޅު ކޯލިޝަނުން ބައްދަލުކޮށްފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކަމަށެވެ. ސަލަފުން ބައްދަލުކޮށްފައި ވަނީ އިދިކޮޅު ކޯލިޝަންގެ އެދުމަކަށް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. އޭގެ އިތުރުން މި މަހުގެ 16 ގައި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ އެމްއެންޕީ އާ ބައްދަލުކޮށްފައި ވާނެ ކަމަށް ވެސް ސަލަފުން ބުންޏެވެ.

މި ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާލުމުން ދެ ފަރާތުން ވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

އެންމެ ފަހުން ބޭއްވި އިންތިހާބުގައި ސަލަފުން ތާއީދުކޮށްފައި ވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށެވެ. މި އަހަރުގެ އިންތިހާބުގައި ވެސް ވާދަކުރަން ޔާމީނަށް ޓިކެޓު އެރުވި ނަމަވެސް، މިވަގުތު ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް ވަނީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު މިވަގުތަށް ބަންދުވެފައެވެ.

ޔާމީން ޖަލަށް ލާފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެމަނިކުފާނު ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވިކަމަށް ސާބިތުވާކަމަށް ކަނޑައެޅުމަށް ފަހުގައެވެ. އެ ހުކުމް އިސްތިއުނާފުކުރުމަށް ޔާމީންގެ ވަކީލުން ގެންދަވަނީ ތައްޔާރުވަމުންނެވެ.