ވ. އަތޮޅު އަމްބަރާ ތަރައްގީ ކުރުމުގެ މަޝްރޫއުގައި އީޕީއޭއިން ނިންމި ނިންމުމާ މެދު ވ. ފެލިދެއަތޮޅު ކައުންސިލްގެ ރައީސް، ޝުޖާއު އަލީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ވ. އަމްބަރާ ގައި ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުންވާ އުސޫލުން ކަމަށްވާތީ، އެކަން ބަލާދިނުމަށް އެދި މައްސަލަ އީޕީއޭ އަށް ހުށަހެޅުއްވީ ކައުންސިލްގެ ރައީސް ޝުޖާއުއެވެ.

މި މައްސަލައާ ގުޅިގެން އީޕީއޭ އިން ބުނީ، އެފަދަ މައްސަލައެއް ލިބުމާއެކު އެ އިދާރާއިން އަމްބަރާއަށް ގޮސް އިންސްޕެކްޝަންއެއް ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް މި އިންސްޕެކްޝަނުން ތިމާވެއްޓަށް ގެއްލުންވާ ފަދަ އެއްވެސް އަމަލެއް އެދިޔާރު (ޑިވެލޮޕަރު) ގެ ފަރާތުން ކޮށްފައިވާ ކަމަށް ފާހަގަ ނުވާ ކަމަށެވެ. އަދި ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އެ އެޖެންސީގެ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އާ އެއްގޮތުގެ މަތިން ކަމަށް ބުނިއެވެ.

ނަމަވެސް އީޕީއޭގެ މި ނިންމުމާ މެދު ޝުޖާއު ވަނީ ކަންބޮޑު ވުން ފާޅުކުރައްވައި ޓްވީޓް ކުރައްވާފައެވެ. ޝުޖާއު ވިދާޅުވީ "ވެއްޓަށް ގެންލުންވަނީ ދީފަ، އެކަމަކު ދީފައިވާ ގެއްލުމަށް ޑިވެލޮޕަރު ޒިންމާއެއް ނެތް. ތިޔަ ނިންމެވުން ރައްޔިތުން ރަނގަޅަށް ކޮސްކޮށްލައިފި!" ކަމަށެވެ.

މީގެ ކުރިންވެސް ވ އަތޮޅު ކައުންސިލުން ވަނީ އަމްބަރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމި ނިންމުމާމެދު އަލުން ވިސްނުމަށް ސަރުކާރުގައި އެދިފައެވެ. އަދި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ރައީސް އޮފީހަށްވެސް ކައުންސިލުން ސިޓީ ފޮނުވިއެވެ. ވ. އަމްބަރާ އަކީ 2016 ވަނަ އަހަރު ލީސް އުސޫލުން ރިސޯޓު ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށެެކެވެ.