ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ އަލުން ބާއްވަން އެދި ސިވިލް ކޯޓަށް ހުށަހެށި މައްސަލައިގެ އަޑުއެހުން ފަސް ދުވަސް ފަސްކޮށް އަންނަ އާދިއްތަ ދުވަހަށް ތާވަލް ކޮށްފިއެވެ.

މީގެ ކުރިން މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލް ކުރީ މިއަދު ހެނދުނަށެވެ. ނަމަވެސް މިހާރު އަންނަ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 10:15 އަށް ވަނީ ތާވަލް ކޮށްފައެވެ.

ޕްރިމަރީ އާ ގުޅިގެން ކޯޓަށް ތިން މައްސަލައެއް ހުށަހެޅިއެވެ. އެތަނުން އެއް މައްސަލަ އަކީ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރު ހުށަހެޅުއްވި މައްސަލައެކެވެ. ނަމަވެސް ސިވިލް ކޯޓުން ބަލައިގެންފައިވާ މައްސަލަ ހުށަހަޅާފައި ވަނީ ދަ ލިޓީޖަންޓްސް އެލްއެލްޕީގެ ފަރާތުން ވަކީލު އަލީ އަމްޖަދު ހުށަހެޅުއްވި މައްސަލައެވެ.

ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ގަވާއިދުން އެނގެން އޮންނަ ކަމަށާއި، އެ ޕާޓީން 39،000 މެންބަރުން ވަކި ކުރީ ފިޔަވަޅު އެޅުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭގޮތަށް ބޭއްވި އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައި ދީ އެ މެންބަރުން ހިމަނައިގެން އަލުން އިންތިހާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ. އަދި ކޯޓަށް ހުށަހެޅި މި މައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުރިން އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓަށް ރިޔާސީ ޓިކެޓު ހަވާލުކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ވެސް އެދިފައި ވެއެވެ. ނަމަވެސް އެމްޑީޕީގެ ސެކްރެޓޭރިއޭޓުން މިހާރު ވަނީ ރިޔާސީ ޓިކެޓް ރައީސަށް އަރުވާފައެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ރައީސް މުހައްމަދު ނަޝީދު ވަނީ 8 ހާސް ވޯޓުގެ ތަފާތުން ބަލިވެފައެވެ. ދާއިމީ ނަތީޖާ އިން ދައްކާގޮތުން ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އަދި ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގަތެވެ. އެ އިންތިހާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު ވޯޓުލާފައި ވަނީ 40،887 މީހުންނެވެ.