ބީއެމްއެލްގެ އޭޓީއެމްތަކަށް ސިޓީ އުރައިގައި ފައިސާ އާއި ޗެކު ޖަމާކުރުމުގެ ހިދުމަތް ހުއްޓާލަން ނިންމަައިފިއެވެ.

ބީއެމްއެލް އިން ބުނީ އެންވެލޮޕް ޑިޕޮސިޓް ހުއްޓާލަން ނިންމާފައި ވަނީ މާރިޗް 1، 2023 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެހެންނަމަވެސް މި ހިދުމަތް ހުއްޓާލަން ނިންމި ސިދާ ސަބަބު ބީއެމްއެލް އިން ހާމަކޮށްފައެއް ނުވެއެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އޭޓިއެމްތައް ގާއިމުކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތުގެ އިތުރުން ސިޓީ އުރާގައި ފައިސާ އަދި ޗެކް ޖަމާކުރުމުގެ ހިދުމަތް ބީއެމްއެލް އިން ފެށީ 2014 ވަނަ އަހަރު އެވެ. ސިޓީއުރައިގައި ފައިސާ ޖަމާކުރެވޭ ހިދުމަތުގެ ދަށުން ނޫޓުގެ ކޮލިޓީ ދަށްވެގެން މެޝިިނުން ގަބޫލުނުކުރާ ނޫޓުތަކާއި އޭޓީއެމް ޑިޕޮސިޓުގައި ޖަމާނުކުރެވޭ ފަސް ރުފިޔާ އަދި ދިހަ ރުފިޔާގެ ނޫޓުތައްވެސް ޖަމާކުރެވެއެވެ.

ބީއެމްއެލް އިން އެންވެލޮޕް ޑިޕޮސިޓް ހިދުމަތް ހުއްޓާލުމަށް ނިންމާފައި ވާއިރު އެ ބޭންކުގެ އެކައުންޓްތަކުން ކަސްޓަމަރުންގެ ފައިސާ ގެއްލޭ މައްސަލަ ވަނީ ފެންމަތިވެފައެވެ. އަދި ކަސްޓަމަރުންނަށް ރައްކާތެރިކަމާއެކު ހިދުމަތްތައް ފޯރުކޮށް ދިނުމަށް ބީއެމްއެލް އިން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު އެ ބޭންކުން ވަނީ ކިއުއާރް ބޭނުންކޮށްގެން މޯބައިލް ވޮލެޓުން ކުރެވޭ މުއާމަލާތުގެ އަދަދުވެސް ލިމިޓް ކޮށްފައެވެ.

މި ގޮތުން ބީއެމްއެލް އިން ގެނައި ބަދަލާއެކު ކޮންމެ ކަސްޓަމަރަކަށްވެސް. ކޮންމެ ދުވަހަކު މޯބައިލް ވޮލެޓުން ހެދޭނީ 750 ރުފިޔާގެ 10 ޓްރާންޒެކްޝަނެވެ.