ގައުމީ ބޭންކް ބީއެމްއެލްގެ ބައެއް އެކައުންޓުތަކުން ވެރިފަރާތަށް ނޭނގި ފައިސާ ނަގައި މުއާމަލާތްކުރަމުންދާތީ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެ މައްސަލަ ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. މައްސަލަ ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ، އެކައުންޓުތަކުން ފައިސާ ގެއްލެނީ އާންމުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ކަމަށްވީ ހިނދު، ފުލުހުންނާއި ބޭންކަށް އެ މައްސަލަ ހުށަހެޅި ނަމަވެސް، ގެއްލުނު ފައިސާ އަނބުރާ ލިބޭނެ ގޮތެއް ނުހޯދޭ ކަމަށެވެ.

ނަޝީދު ފާހަގަކުރެއްވި ގޮތުގައި އެހެންވުމުގެ ސަބަބުން ބީއެމްއެލަށް އާންމުން ކުރާ އިތުބާރު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ގެއްލެމުންނެވެ.

އެހެންވެ އެ މައްސަލަ ހައްލުކުރުމަށް ނަޝީދު ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.

ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ވޯޓަށް އެހުމުން، އެ މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 33 މެންބަރުންނެވެ. ހަތަރު މެންބަރަކު މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވިއިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.

އެއަށްފަހު ރިޔާސަތުން ނަޝީދަށް ދެއްވި ފުރުސަތުގައި އޭނާ ވަނީ ރާއްޖޭގައި އަށް ބޭންކަކުން ހިދުމަތް ދެމުން ދާއިރު، އެހެން ބޭންކުތަކުގައި ހުންނަ އެކައުންޓުތަކުން ފައިސާ ގެއްލުން ފަދަ މައްސަލަތައް ދިމާނުވެ، ބީއެމްއެލަށް އެ މައްސަލަ ދިމާވަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

"ދެން ހުރި ބޭންކުތަކުން، ބީއޯސީ އާއި އެމްއައިބީ އާއި އެސްއައިބީ އާއި ސީބީއެމް އާއި މި އެއްވެސް ތަނަކުން ދިމަލެއް ނުވޭ މިކަހަލަ އެއްވެސް ކަމެއް، ހަމަ އެތަންތަނުން ވެސް ލިންކު ފޮނުވައިގެން ވެސް ނޫނީ އެބުނާ ސްކޭމް ކޯލެއް ކޮށްގެން ވެސް ކީއްވެގެންތޯއޭ އެކަންތައްތައް ނުވަނީ، ހަމައެކަނި ބީއެމްއެލުން ވަނީ؟"
މުހައްމަދު ނަޝީދު އަބްދުالله | ނޮޅިވަރަމް ދާއިރާގެ މެންބަރު

ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ ހައްލުކުރުމަށްޓަކައި މަޖިލީހުގެ އިގްތިސޯދީ ކޮމިޓީ އަށް އެ ބޭންކުގެ އިސް ބޭފުޅުން ހާޒިރުކޮށްގެން ވިޔަސް އެ މައްސަލަ ހައްލުކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އޭނާ ތުހުމަތުކުރައްވާ ގޮތުގައި ބީއެމްއެލުން މަސައްކަތްކުރަނީ އާންމުންނަށް ކަންކަން ސިއްރުކުރުމަށެވެ.

"އެ ކަންތައްތައް ސިއްރުނުކޮށް ހަގީގަތް ހާމަކުރަންވީނޫންތޯއޭ؟"
މުހައްމަދު ނަޝީދު އަބްދުالله | ނޮޅިވަރަމް ދާއިރާގެ މެންބަރު

ސަރުކާރުން ބީއެމްއެލަށް ޕްރެޝަރުކޮށްގެން ވިޔަސް ވެސް މި މައްސަލަ ހައްލުކުރަން ޖެހޭ ކަމަށާއި، ނޫނީ އާންމުންގެ އިތުބާރު ބީއެމްއެލަށް އެއްކޮށް ގެއްލި، ބޭންކު ބަނގުރޫޓުވެގެން ގޮސްދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ބީއެމްއެލް އެކައުންޓުތަކުން ވެރިފަރާތްތަކަށް ނޭނގި ކޮށްފައި ހުންނަ ކަމަށް ބުނެ ކުރި ޝަކުވާތަކާ ގުޅިގެން ބީއެމްއެލުން ކުރިން ބުނީ، ބޭންކުގެ އިހުމާލުން އެފަދަ ކަމެއް ނުވާނެ ކަމަށެވެ.