ދުނިޔޭގައި މިހާތަނަށް ހަދާނެ އެންމެ ބޮޑު ބިލްޑިން ސްޓްރަކްޗާ، "ދަ މުކާބް" ގެ މަސައްކަތް ސައުދީން ފަށައިފިއެވެ. މައްކާގައި ހުންނަ ގެފުޅުގެ ބައްޓަމާ ދާދި އެއްގޮތްވާ ބައްޓަމަށް އެހެނަސް ހަތަރެސްކަން ހަމަކޮށް ހަދާ މުކާބަކީ، އިމާރާތް ކުރުމުގެ ދާއިރާ އަށާއި، ޓެކްނޮލޮޖީގެ ދާއިރާއަށްވެސް އިންގިލާބެއް ގެންނާނެ އިމާރާތެއް ކަމަށް ބުނެއެވެ. މައްކާގެ ގެފުޅުގައި ހަތަރެސްކަން ހަމައަށް ހުންނަ ތަނެއް ނޫނެވެ.

ހަތަރެސްކަން ހަމަކޮށް މުކާބު ހަދާއިރު، އަރިހުރަހަށާއި އުހަށް 400 މީޓަރު ހުރެއެވެ. މިއީ އެމެރިކާގައި ހުންނަ 102 ބުރީގެ އެމްޕެރާ ސްޓޭޓް އިމާރާތުގެ 20 އިމާރާތް ކުރެވޭހާ ބޮޑު ޖާގައެއްގައި ހަދާ އިމާރާތެކެވެ.

ސައުދީގެ ރިޔާދު އެއާޕޯޓާ ގާތްގަނޑަކަށް ވިއްސަކަށް މިނެޓު ދުރުމިނުގައި ކިންގް ސަލްމާން މަގާއި އަދި ކިންގް ހާލިދު މަގާ ދެމެދުގައި 19 ސްކެއާ ކިލޯމީޓަރުގެ ސަރަހައްދެއްގައި ހަދާ މި އިމާރާތުގައި ހުންނަ ހޮޓާތަކުގައި 9000 ކޮޓަރި ހުންނާނެއެވެ. އަދި ވިއްކާ ފްލެޓްތަކާއި، ވިޔަފާރި މޯލްތަކާއި، ސިނަމާތަކާއި ރެސްޓޯރަންޓްތަކާއި ފިހާރަތަކުގެ އިތުރުން އެތައް ހިދުމަތެއް ލިބެން ހުންނާނެއެވެ.

ސައުދީގެ ރިޔާދުގައި ހަދާ 400 މީޓަރުގެ މުކާބުގައި ހުންނަ ބައިތައް

މުޅި އިމާރާތުގެ އެތެރެ ޑިޒައިން ކުރަނީ، އެތާ އެތެރޭގައި ހުންނަ މީހަކަށް އެ ހުރެވެނީ އަސްލު ދުނިޔެއެއްގައި ކަމެއް ނުވަތަ ވާޗުއަލް ވޯލްޑެއްގައި ކަމެއް ވެސް ނޭނގޭހާ ފުރިހަމަ ކޮށެވެ. ހޮލޯގްރެފިކް ކޮށް، އެކިއެކި މަންޒަރުތައް ކުރަހާ އަސްލާ އެއްގޮތަށް ދެއްކުމާއި އެ މަންޒަރުތަކާ އެއްގޮތަށް ތަނުގެ ފިނި ހޫނުމިން ބަދަލުވެގެން ދާހާ ފުރިހަމަ އަށެވެ.

ހޮލީވްޑް ފިލްމުތަކުގައި ފެންނަ ކަހަލަ، އުދުހޭ އުޅަނދުތަކާއި، ވޯޓާފޯލްތަކާއި، އެވޭޓާ ފަދަ 3ޑީ ފިލްމުތަކުގައި ދައްކާ ކުލަތަކުން ފުރިފައިވާ ދުނިޔެފަދަ އެތައް މަންޒަރުތަކެއް ކުރަހާލުމުގެ ގާބިލުކަން މިތާ ހުންނާނެއެވެ. އެތެރޭގެ ދަތުރުފަތުރުގެ ހިދުމަތަށް ވަކިން އިންތިޒާމްތައް ހަމަޖައްސާ މި އިމާރާތަކީ ބޮޑު ސިޓީއެކެވެ.

ސައުދީގެ ރިޔާދުގައި ހަދާ 400 މީޓަރުގެ މުކާބުގައި ހުންނަ ބައިތައް

ސައުދީގެ ފަތުރުވެރިކަމުގެ ސިނާއަތް އިންގިލާބު ކޮށްލާނެ މި ބިޔަ ބޮޑު މަޝްރޫއު ނިންމަން އަމާޒު ކޮށްފައި ވަނީ 2030 އަށެވެ.

މި މަޝްރޫއު އިއުލާން ކޮށް ފެށުމަށް އާންމު ކުރި ޓެރެއިލާއިން ފެންނަ ގޮތުގައި އިމާރާތުގެ މެދުގައި ހުންނަ ސްފައިރަލް ޝޭޕް (އޮޅިއޮޅިފައި ހުންނަ) ބައްޓަމަށް ހަދާ އިމާރާތަކީ، ސައުދީގެ ސަގާފަތާއި ތާރީހު ދައްކުވައިދޭނެ އިމާރާތެކެވެ. އޭގެ ވަށައިގެން މީހުން ދިރިއުޅޭ އިމާރާތްތަކާއި ހޮޓާތައް ތަރައްގީ ކުރާއިރު، މިތަނުގެ އަގުތަކެއް އަދި ސާފެއް ނުވެއެވެ.

މި އިމާރާތް ހަދާ ވާހަކައާއެކު އާންމު ކުރި ކުރެހުމުގައި ގެފުޅާ ވައްތަރު ކޮށް ހުރުމުން އެކި ފަރާތްތަކުގެ ފާޑުކިޔުންވެސް ސައުދީއަށް ދަނީ އަމާޒުވަމުންނެވެ. ބައެއް މީހުން ބުނާ ގޮތުން، މައްކާގައި ހުރި ގެފުޅަށް ދެވޭ ސަމާލުކަމަށް ވުރެ އެ އިމާރާތަށް ދެވޭ ސަމާލުކަން ބޮޑުވެދާނެއެވެ. އަދި ސައުދީގެ މިހާރުގެ ސަރުކާރުގެ ބޭނުމަކީ ރިޔާދުގައި ހަދާ އިމާރާތަކީ، އެ ގައުމުގެ ލޭންޑްމާކް (ސައުދީ ރަމްޒުކޮށްދޭ ބިނާ) އަށް ހެދުމެވެ.