ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި މި ވަނީ އެ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ.

ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އޭނާ އަވަހާރަވީ މިދިޔަ ބުދަދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރިޒާއަކީ ކ.ގުރައިދޫ ދާއިރާގެ ގޮނޑީ ތިން ފަހަރު ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ މިހާރު ހިނގަމުންދާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ މެންބަރުގެ އިތުރުން އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ބެލި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތް ކުރެއްވި ބޭފުޅެއް ވެސް މެއެވެ. އަދި ރިޒާ އަވަހާރަވި އިރު ވެސް އޭނާ ގެންދެވީ އެފްއޭއެމްގެ އެޕީލްސް ކޮމިޝަންގެ ރައީސްކަން ކުރައްވަމުންނެވެ.

ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުންވެސް ރިޒާގެ މަސައްކަތް ފެނިގެން ގޮސްފައިވާއިރު މީގެ ކުރިން ރިޒާ ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމުގެ އިތުރުން ފަނޑިޔާރުންނާ ބެހޭ ޝަކުވާތައް ބަލައި ފަނޑިޔާރުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އުފައްދާފައިވާ ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވާފައެވެ.

ޕީޕީއެމްއާ ގުޅުން ހުރި ވަރަށް ގިނަ މައްސަލަތަކުގައި އެ ޕާޓީގެ ދިފާއުގައި ކޯޓުތަކުގައި ވަކާލާތު ވެސް ކުރައްވާފައިވާ ރިޒާ ވަނީ 2013 ގެ އިންތިހާބުގެ މައްސަލައެއްގައި ސްޕްރީމް ކޯޓުގައި ވެސް ޕީޕީއެމްގެ ދިފާއުގައި ވަކާލާތު ކުރައްވާފައެވެ.