ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިހާބުގައި، ވޯޓު ލުމަކާ ނުލާ މަގާމަށް އިންތިހާބުވި ފަރާތްތަކުގެ ނަންތައް އިއުލާނު ކޮށްފިއެވެ.

މި ފަރާތްތަކުގެ ނަންތައް އިއުލާނުކޮށްފައި ވަނީ، ދަރުބާރުގޭގައި ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގެ ދެވަނަ ދުވަހުގެ ފުރަތަމަ ދަންފަޅީގައެވެ. ޖޭޕީގެ އިންތިހާބީ ކޮމިޓީން ބުނީ، ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، އެ ޕާޓީގެ އިންތިހާބީ މަގާމުތަކަށް، އެންމެ ކެންޑިޑޭޓަކު ކުރިމަތިލައި ފިނަމަ، ވޯޓުލުމަކާ ނުލައި އެ ކެންޑިޑޭޓަކު މަގާމަށް އިންތިހާބު ވާނެ ކަމަށެވެ. އެގޮތުން ހަތަރު ބޭފުޅަކު ވަނީ ވޯޓު ނަލައި އިންތިހާބު ވެފައެވެ.

ވޯޓަކާ ނުލައި އިންތިހާބުވި ފަރާތްތައް:

  • ޕާޓީގެ ލީޑަރުގެ މަގާމަށް ގާސިމް އިބްރާހީމް
  • ޒުވާނުންގެ ލީގުގެ ރައީސްގެ މަގާމަށް އަބްދުﷲ ޔާމީން
  • ނ. ވެލިދޫ، ޒުވާނުންގެ ލީގުގެ ނައިބު ރައީސްކަމުގެ މަގާމަށް ޝުއައިބު ޝިފާޒް ޝަރީފް
  • ކ. މާލެ އަދި އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ މަގާމަށް އައިޝަތު ޝޫޒާ އަހްމަދު

މި މަގާމުތަކުގެ އިތުރުން އެ ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެންބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސްގެ އިތުރުން އަންހެނުންގެ ލީގުގެ މެންބަރުން، އަދި ގައުމީ ކޮންފަރެންސްއިން އިންތިހާބުކުރާ 25 މެންބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިހާބުތަކުގެ ވީޓުލުން މިހާރު ދަނީ ކުރިއަށް ކަމަސް ޖޭޕީން ބުނެއެވެ.

އިއްޔެ އިން ފެށިގެން ދަރުބާރުގޭގައި ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި ރޭގެ ދަންފަޅީގައި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވީ ނަމަވެސް ވޯޓާ ގުޅޭ މައްސަލަތައް ބޮޑުވެ ވޯޓުލުން ވަނީ މިއަދު ހެންދުނަށް ފަސްކޮށްފައެވެ. އެގޮތުން ވޯޓު ކަރުދާހުގައި ފޮޓޯ ނެތުމާ ގުޅިގެން ކޮންފަރެންސްގެ ބައެއް ބައިވެރިން ޝަކުވާ ކޮށްފައިވާ އިރު، ބައެއް މެންބަރުން ވަނީ އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ކުރީގެ ޕީޕީއެމްގެ މެންބަރުންނާ މެދު ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެއެވެ.