އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ ގުޅޭ ގަރާރެއް މާދަމާ ފަށާ އެ ޕާޓީގެ ކޮންފަރެންސްގައި އެޖެންޑާކޮށްފިއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ އެ ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެބަރު އަދި ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމަށް ކުރިމަތިލައްވާފައިވާ އަބްދުﷲ އަހުމަދު ކަމަށެވެ.

ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ފޮނުއްވާފައިވާ ސިޓީފުޅާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނިންމުމަށް އެޖެންޑާ ކޮށްފައިނުވާ ކަމަށާއި ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ އުންމީދު ކުރާނެ ކަމަށް އިލްހާމް ވިދާޅުވިއެވެ. އަދި އެ ގަރާރުގައި ވަނީ ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިހާބުގައި ވާދަކުރުން ނުވަތަ ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުން ކަމަށްވެސް އިލްހާމް ވިދާޅުވިއެވެެ.

އެ ގަރާރު ކޮންފަރެންސްގައި އެޖެންޑާ ކޮށްފައި ވާއިރު އެ ގަރާރު އެޖެންޑާކޮށްފައި ވަނީ ހޮނިހިރު ދުވަހު މެންދުރުފަހުގެ ދަންފަޅިއަށް ކަމަށް ވާއިރު އިލްހާމް ވިދާޅުވީ އެ ގަރާރުގެ ބަހުސް ވަރަށް ފޯރިއާއެކު ކުރިއަށްދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީ އާއި ޖޭޕީއަށް ވެސް ދައުވަތު ދީފައިވާއިރު އަދާލަތު ޕާޓީއިން ވަނީ ކޯލިޝަން ހަދަން ނިންމާފައެވެ. އަދި ކޯލިޝަން ހެދުމުގެ މަޝްވަރާތައް އެމްޑީޕީން އެމްޑީއޭއާއެކު މިއަދު ކޮށްފައިވާއިރު ޖޭޕީއިންވެސް ވަނީ އެމްޑީއޭއާއެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.