ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން، "އަޒުމް"ގެ ފުރަތަމަ ސެޓެލައިޓް ޑިޒައިންކޮށް، ޓެސްޓު ކޮށްފިއެވެ.

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް) އިން ނެރުނު ނޫސްބަޔާނުގައި ބުނީ، މި ސެޓްލައިޓް ޑިޒައިން ކޮށްފައި ވަނީ ބޭރުގެ އެއްވެސް ބައެއްގެ އެހީއަކާ ނުލައި ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 10 ގައިމި ސެޓެލައިޓް ޑިޒައިން ފައިނަލް ކޮށްފައި ވާއިރު އެ ދުވަހު ހާޑްވެއާ އޯޑަރު ކުރުމަށް ފަހު ހާޑްވެއާ ލިބުމުން ސެޓެލައިޓް ޕްރޮގްރާމްކޮށް، ޓެސްޓުތައް ނިންމީ އިއްޔެ ކަމަށް އައިޖީއެސް އިން ބުނެއެވެ.

މި ސެޓެލައިޓް ޑިޒައިން ކުރުމުގައި އިސްކޮށް ހަރަކާތްތެރި ވެފައި ވަނީ ސްޕޭސް ޓިމުގެ އޭރޯސްޕޭސް އިންޖިނިއަރު ހުސައިން އައްސަދާއި އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސް އިންޖިނިއަރު މުހައްމަދު ޖުނައިދު އަދި މެކޭނިކަލް އިންޖިނިއަރު އަހުމަދު އިޖާޒު އަބްދުﷲ ކަމަށް އައިޖީއެސް އިން ބުނެއެވެ. އަދި ސެޓެލައިޓް، ޕްރޮގްރާމް ކުރުމާއި ޓެސްޓުކުރުމުގައި ސްޕޭސް ޓީމުގެ މަރިޔަމް މަހްރޫސް އަބްދުއްރަހްމާން އަދި މަރިޔަމް ޝިމާނަތު ބައިވެރިވި ކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ.

އައިޖީއެސް އިން ބުނީ، ކިއުބްސެޓް ފެންވަރުގެ ސެޓެލައިޓް ޑިޒައިން ކުރީ ބޭނުންވާ މިޝަނަކާ ގުޅޭގޮތަށް ފަސޭހައިން ސައިޒު ބޮޑުކުރެވޭ އަދި ތަފާތު މިޝަންތަކާ ގުޅޭގޮތަށް ބަދަލުކުރެވޭ ގޮތަށް ކަމަށެވެ.

މި މަސައްކަތާ ގުޅިގެން އައިސީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ، ސެޓެލައިޓެއް ޑިޒައިން ކުރުމަކީ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށާއި މުޅިން އަމިއްލައަށް ސެޓެލައިޓެއް ޑިޒައިން ކުރުމަކީ ޓީމުން ހޯދި ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އައިޖީއެސްއިން އެޗްޑީސީއާ ގުޅިގެން ކުރިއަށް ގެންދާ ސްޕޭޝް ޕްރޮގްރާމުގެ ފުރަތަމަ މިޝަންގައި ހިމެނެނީ ހަތް ޒުވާނެކެވެ. ދެ އަންހެނަކާއި ފަސް ފިރިހެނުން ހިމެނޭ އެ ޓީމަކީ އެރޯސްޕޭސް އިންޖިނިއަރުންނާއި އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖިނިއަރުންގެ އިތުރުން ކޮމްޕިއުޓާ ސައިންސް ދާއިރާގެ ގްރެޖުއޭޓުން ހިމެނޭ ޓީމެކެވެ.

ސްޕޭޝް މިޝަންގެ ޓީމު:

  • މަރިޔަމް މަހްރޫސާ އަބްދުއްރަހްމާން، މާލެ
  • މަރިޔަމް ޝިމާނަތު، ގދ. ރަތަފަންދޫ
  • ހުސައިން އައްސަދު، ރ. އަލިފުށި
  • ހުސެއިން ރިޒާމް، މާލެ
  • އަހުމަދު އީޖާޒް އަބްދުﷲ، އއ. ބޮޑުފުޅަދޫ
  • މުހައްމަދު އަޝްހަމް މުޖުތަބާ، މާލެ
  • މުހައްމަދު ޖުނައިދު، ހއ. އިހަވަންދޫ

އެ ޓީމުން މިހާރު ވަނީ ސެޓަލައިޓް ހަދައި ލޯންޗުކޮށް، ސައިންޓިފިކް ރިސާޗް ހަދަން ހަދަން ދަސްކޮށްދޭ ކޯހެއް ފުރިހަމަ ކޮށްފައެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ޑައިރެކްޓަރަށް އައްޔަން ކޮށްފައި ވަނީ 2017 ވަނަ އަހަރު ނާސާއިން ލޯންޗު ކުރި ދުނިޔޭގެ އެންމެ ކުޑަ ސެޓެލައިޓްގެ މިޝަންގެ ޑައިރެކްޓަރު، ޑރ. ސްރިމަތީ ކޭސަންއެވެ. އޭނާއަކީ އެދާއިރާގެ އިންޑިއާގެ ތަޖުރިބާކާރެކެވެ.

މި ޓީމުން އީޖާދީ މުހިންމު ސެޓްލައިޓެއް ހަދާ ޖައްވަން ފޮނުވަން ވަނީ ހަމަޖެހިފައެވެ. އަދި މި ސެޓެލައިޓް އުދުއްސާލާނީ ހުޅުމާލެއިން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ