ހުޅުމާލޭގައި އަލަށް މީހުން އާބާދުވަމުން އަންނަ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރެވިފައި ހުރި ހިޔާ ފްލެޓްތަކުަގައި ދިރިއުޅޭ ފަރާތްތަކުން ގަވާއިދާ ހިލާފު އަމަލުތައް ހިންގާ މިންވަރު އިތުރުވެ، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީ އިން ބުނެފިއެވެ.
ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ހިޔާ ފްލެޓްތަކުގައި ކަނޑައެޅިފައިވާ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގަމުން އަންނަ ކަމަށާއި މިކަން އެކި އިންސްޕެކްޝަނުން ފާހަގަވެ، ނަސޭހަތްތެރި ވި ނަމަވެސް އެކަން ކަން ތަކުރާރުވަމުންދާ ކަމަށް އެޗްޑީސީން ބުނިއެވެ.
ހާއްސަ ގަވާއިދުތަކެއް އެކުލަވާލާފައިވަނީ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަމަށް ބަލާ، އަމަލުކުރަން ފަސޭހަ ގަވާއިދު ތަކެއް ނަމަވެސް އެ އުސޫލަތަކަށް ބޯލަނބަމުން ނުދާ ކަމަށެވެ. އަދި އިމާރާތުގެ ސްޓަރަކްޗާއަށް ގެއްލުންވާ ފަދަ އެއްވެސް ޓޫލް އެއް ބޭނުން ކުރުމަކީ މަނާ ކަމެެއް ނަމަވެސް އެކަން އެގޮތަށް ހިނގަމުންދާ ކަމަށް އެޗްޑީސީން ބުނިއެވެ.
އެޗްޑީސީން ބުނިގޮތުގައި ގަވާއިދާ ހިލާފަށް ބައެއް އެޕާޓްމެންޓްތަކުގައި ވަޑާން ކުރުމާއި އެކި ވިޔަފާރި ހިންގުމަށް ޔުނިޓްތަކުގެ ގޮތުގައި ބޭނުންކުރުމާއި ބެލްކަނިން ބޭރުވާގޮތަށް ސްޓރަކްޗާއަށް ބަދަލު ގެނެސް ގަސް މުށި ފަދަ ތަކެތި ބަހައްޓަމުންދާ ކަމަށެވެ. އަދި ފްލެޓްތަކުގައި ދިރިއުޅެމުންދާ އެހެން މީހުންނަށް އުނދަގޫވާނެ ފަދައިން އެޕާޓްމެންޓްގެ ބޭރުގައި ގިނަ އަދަދެއް ކުނި ފަދަ ތަކެތި ބެހެއްޓުމަކީ އާންމުވެފައިވާ ކަމެއްގެ ގޮތުގައި ފާހަގަ ކުރިއެވެ.
ކޮންމެ ކަމެއް ކުރުމުގައިވެސް އުސޫލުތަކެއްވާ ކަމަށް އެޗްޑީސީން ބުނިއެވެ. އެގޮތުން ވިޔަފާރި ކުރުމަށް ކޮމާޝަލް އޭރިއާއެއްގެ ގޮތުގައި ކޮންމެ ޓަވަރެއްގެވެސް ގްރައުންޑް ފްލޯ ކަނޑައެޅިފައިވާ ކަމަށެވެ. އަދި ފިނިޝިން މަސައްކަތް ކުރުމުގައި ވެސް ފްލެޓް ތަކުގައި ދިރިއުޅޭ މީހުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް މަސައްކަތް ކުރެވިދާނެ ކަަމަށް އެޗްޑީސީން ބުނިއެވެ.
ނަމަވެސް އެކުލަވާލެވިފައިވާ ގަވާއިދުތަކާ ހިލާފު އަމަލުތައް ހިންގަމުން އަންނަ ފަރާތްތައް، ޖޫރިމަނާ ކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. ކުރިއަށް އޮތްތަނުގައިވެސް އިންސްޕެކްޝަން ތަކއް ކުރިއަށް ގެންދިއުމަށް އެ އިދާރާއިން ނިންމާފައިވާ ކަމަށާއި މި ފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަސްނުޖެހޭނެކަމަށް ބުނިއެވެ.
އެޗްޑީސީގެ އެންމެ ބޮޑު އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިރިއުޅެން ފަސޭހަ، ރައްކާތެރި ވެއްޓެއް ގާއިމު ކޮށްދިނުން ކަމަށްވާއިރު މި ކަމުގައި ދިރިއުޅޭ ފަރާތްތަކުގެ އެއްބާރުލުން ނުހަނު ބޭނުންވާ ކަމަށް އެ އެޗްޑީސީން ބުންޏެވެ.