ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަދާލަތު ޕާޓީން ތާއީދުކުރަން ނިންމުމުން، އެމްޑީޕީގެ ލީޑާޝިޕުން ހޫނު މަރުހަބާ އެއް ކިޔައިފިއެވެ.

2018 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އެމްޑީޕީ އައީ އަދާލަތުގެ އިތުރުން، ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމް ހިމެނޭ ކޯލިޝަނަކުންނެވެ. މިދިޔަ މަހު ފަހުކޮޅު އެމްޑީޕީން ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ފަހު، ރައީސް ގެންދަވަނީ އެމްޑީޕީ އާ އެކު ކޯލިޝަނެއް ހަދަން އެހެން ޕާޓީތަކަށް ދައުވަތު ދެއްވަމުންނެވެ.

އެގޮތުން، ސަރުކާރު ކޯލިޝަންގައި މިހާރު އޮތް ތިން ޕާޓީގެ އިތުރުން، މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އަށް ރައީސް ވަނީ ދައުވަތު ދެއްވައިފައެވެ. އޭގެ ތެރެއިން ރައީސަށް ތާއީދުކުރުމަށް މިހާތަނަށް ނިންމި ހަމައެކަނި ޕާޓީ އަކީ އަދާލަތު ޕާޓީއެވެ. އެ ޕާޓީން ވަނީ އަންނަ އިންތިހާބުގައި ރައީސަށް ތާއީދުކުރަން ނިންމިކަން މިއަދު ހާމަކޮށް ގަރާރެެއް ނެރެފައެވެ.

އަދާލަތު ޕާޓީގެ ނިންމުމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ، އެމަނިކުފާނު އެދިވަޑައިގަންނަވަނީ ރާއްޖެ އަށް ހަމަޖެހުމާއި އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި އެންމެން ގުޅިގެން ކުރިއަށް ދިއުމަށް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ކޯލިޝަންގެ ތެރެއިންނާއި ބޭރުން ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް، ސާބިތުކަމާ އެކު އަދާލަތު ޕާޓީން ސަރުކާރާއި އެމްޑީޕީ އާ އެކު ތިބީތީ ޝުކުރުދަންނަވާ ކަމަށެވެ.

ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އަދާލަތު ޕާޓީގެ ނިންމުމަށް މަރުހަބާ ކިޔައި ނެރުނު ބަޔާނެއްގައި ބުނީ، މި ވެރިކަމުގައި ރާއްޖެ އަށް ގެނައި ހަމަޖެހުމާއި ތަރައްގީ ގެނެސްދެވޭނީ ކޯލިޝަން ސަރުކާރަކުން ކަމަށް އަދާލަތު ޕާޓީން ނިންމި ނިންމުމަކީ ގައުމަށާއި ރައްޔިތުންނަށްޓަކައި ނިންމި ނިންމުމެއް ކަމަށް ދެކޭ ކަމަށެވެ

ރައީސަށް ތާއީދުކުރަން ނިންމިކަން ހާމަކޮށް ނެރުނު ގަރާރުގައި އަދާލަތު ޕާޓީން ބުނި ގޮތުގައި، މިވަގުތު މަސްލަހަތު އޮތް ގޮތަކީ، އަދި އެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ރަނގަޅަށް މަސައްކަތްކުރެވެން އޮތީ ވެސް ރައީސް ދެވަނަ ދައުރަކަށް އިންތިހާބުކޮށްގެން ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނާތީ، ރައީސަށް ތާއީދުކުރުމަށް ނިންމީއެވެ.

ރައީސަށް ތާއީދުކުރުމަށް ނިންމުމުން، މިހާރު މި އޮތް ކޯލިޝަންގައި އަދާލަތު ޕާޓީން ދެމި އޮންނާނެއެވެ. ސަރުކާރު ކޯލިޝަންގައި މިހާރު ތިބި އެހެން ޕާޓީތަށް ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމަށާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ވެސް ކޯލިޝަން ހެދުމަށް އެމްޑީޕީން ވަނީ ސިޓީ އެއް ފޮނުވާފައެވެ.

އެކަމާ ގުޅިގެން އެމްއާރުއެމުން ބުނީ، މައުމޫން މިވަގުތު ހުންނެވީ ބޭރުގައި ކަމުން އެމަނިކުފާނު މާލެ ވަޑައިގަތުމުން އެމްޑީޕީ އާ އެކު ކޯލިޝަނެއްގައި ކުރިއަށް ދިއުމާ މެދު މަޝްވަރާކުރާނެ ކަމަށެވެ. ޖުމްހޫރީ ޕާޓީ އާ އެކު ވެސް މަޝްވަރާކުރަމުން ދާއިރު އެ ޕާޓީން މީގެ ކުރިން ބުނީ، ކޯލިޝަނާ އެކު، ނުވަތަ އެ ޕާޓީގެ ލީޑަރު ގާސިމް އިންތިހާބުގައި އެކަނި ވާދަކުރެއްވުމާ މެދު ގޮތެއް ނިންމާނީ މި ހަފްތާ ބަންދުގައި ބާއްވާ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ކަމަށެވެ.