ދަރަނީގެ މައްސަލަ ހައްލު ކުރުމަށް މިހާރުގެ ސަރުކާރުން ގެނައީ ވަގުތީ ހައްލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ، ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގަރާރުގެ ހުށަހަޅުއްވަމުން ދެއްކެވި ވާހަކަގައެވެ.

އީވާ ވިދާޅުވީ، ދަރަނި ރިސްޓްރަކްޗާ ކުރުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ކުރިމަތިލެއްވިއިރު ދެއްވި އިންޓަވިއުއެއްގައިވެސް ދަރަނި ރިސްޓްރަކްޗާ ކުރަން ޖެހޭކަން ހާމަކުރެއްވި ކަމަށެވެ.

އެހެންނަމަވެސް ދަރަނި ރިސްޓްރަކްޗާ ކުރުމަށް މަޖިލީހުން ދީފައިވާ ލަފައާ އެއްގޮތަށް ސަރުކާރުން އަމަލުކޮށްފައި ނުވާ ކަމަށާއި އެހެންކަމުން މި ގަރާރު ހުށަހެޅުއްވީ އޭރު ދިން ލަފާ ތަންފީޒުކުރުމަށް ގޮވާލާފައި ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މެނިފެސްޓޯގައި ވަކިގޮތަކަށް އޮތްނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ސޯލިހް މި މައްސަލައަށް ހޯއްދެވީ ވަރަށް ވަގުތީ ހައްލެއް ކަމަށެވެ. އެއީ ލޯނު ދެއްކުމަށް ލޯނު އަނބުރާ ނެގުން ކަމަށެވެ.

މިސަރުކާރުން ކުރިކަމަކީ ލޯނު ދައްކަން ލޯނު، އޭގެ މާނައަކީ ސަރުކާރަށް ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ވަގުތީ ހައްލެއް، އެކަމަކު ރައްޔިތުންނަށް ދާއިމާ ގާތަށް ދަރަނީގެ ދަންތުރައެއް.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ

އީވާ އެ ގަރާރު ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި ވިދާޅުވެފައި ވަނީ ދިވެހި ދައުލަތް ދަރަނިވެރިވެފައިވާ މިންވަރާއި، އެ ދަރަނި ބެލެހެއްޓިފައިވާ ގޮތާއި، އަދި އެ ދަރަނި އަނބުރާ ދެއްކުމަށް ދިވެހި ދައުލަތުގެ އާމްދަނީން ޖާގަދޭނެ މިންވަރު ދެނެގަތުމުގައި އަމަލުކުރާނެ އިރުޝާދެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓުގައި، ދައުލަތުގެ ދަރަނި ރީސްޓްރަކްޗާކޮށް، ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލުމަށެވެ.

މީގެ އިތުރުން 2013 އިން 2018 އަށް ދައުލަތުން ނަގާފައިވާ ދަރަނިތަކާއި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތުން ނަގާފައިވާ ދަރަނިތައް ރީސްޓްރަކްޗާކޮށް ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން މަޖިލީހުން ފާސްކޮށްފައިވާ ހުށައެޅުންތަކުގައިވާ ކަންކަން ކުރުމަށް ގަރާރުގައި ވަނީ ސަރުކާރަށް ގޮވާލާފައެވެ.