ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔައުގޫބް އަބްދުﷲގެ ނަން އިއްވާ، މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގަރާރުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ.

އެ ބަހުސްގެ ތެރެއިން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ސަރުކާރަށް ފާޑު ވިދާޅުވުމުން ޔައުގޫބް ވަނީ އެކަމާ ނުރުހުން ފާޅުކޮށް އަޑުގަދަ ކުރައްވަމުންނެވެ.

އެގޮތަށް އަޑުގަދަކުރަން ފެށުމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ މެންބަރު ޔައުގޫބްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނިކުތުމަށް އަންގާފައެވެ. އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީއަށް ވެސް ވަނީ ނަސޭހަތް ދީފައެވެ.

އީވާ ހުށަހެޅުއްވި އެ ގަރާރު ބުނެފައި ވަނީ ދިވެހި ދައުލަތް ދަރަނިވެރިވެފައިވާ މިންވަރާއި، އެ ދަރަނި ބެލެހެއްޓިފައިވާ ގޮތާއި، އަދި އެ ދަރަނި އަނބުރާ ދެއްކުމަށް ދިވެހި ދައުލަތުގެ އާމްދަނީ ޖާގަދޭނެ މިންވަރު ދެނެގަތުމުގައި އަމަލުކުރާނެ އިރުޝާދެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓުގައި، ދައުލަތުގެ ދަރަނި ރީސްޓްރަކްޗާކޮށް، ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން 2013 އިން 2018 އަށް ދައުލަތުން ނަގާފައިވާ ދަރަނިތަކާއި ވޭތުވެދިޔަ ފަސް އަހަރުގެ ތެރެގައި ދައުލަތުން ނަގާފައިވާ ދަރަނިތައް ރީސްޓްރަކްޗާކޮށް ދައުލަތުން ދަރަނި އަނބުރާ ދެއްކުމާއި ގުޅޭގޮތުން މަޖިލީހުން ފާސްކޮށްފައިވާ ހުށައެޅުންތަކުގައިވާ ކަންކަން ކުރުމަށް ގަރާރުގައި ވަނީ ސަރުކާރަށް ގޮވާލާފައެވެ.