މި އަހަރުގެ ރިޔާސީ ބަޔާނަށް މައިނޯރިޓީ ލީޑަރު ޖަވާބު ނުދިނުމުން އެމްއެންޕީ އިން ޖަވާބު ހުށަހަޅައިފިއެވެ.

އެމްއެންޕީއިން ބުނީ ރައީސް ހުށަހަޅުއްވާ ރިޔާސީ ބަޔާނަށް ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ރައްޔިތުންގެ މަޖިލީހުގައި ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން ޖަވާބުދޭންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 32 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 32 ވަނަ މާއްދާގެ ބ ގައި ބަޔާންކޮށްފައިވާ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު ރިޔާސީ ބަޔާނުގެ ޖަވާބުދެއްވާފައި ނުވާ ކަމަށެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސްލީމް) އެވެ.

މިހާރު ގައުމުގެ ހާލަތު އޮތް ގޮތުން ރިޔާސީ ބަޔާނަށް ރަސްމީގޮތެއްގައި ޖަވާބެއް ދީ އަދި އެ ޖަވާބު މަޖިލީހުގެ ލިޔުންތަކުގައި ދަފްތަރުކުރެވި އަދި ރައްޔިތުންގެ މަޖިލީހުގައި އެ ޖަވާބު ހުށަހެޅުމަކީ ކޮންމެހެން ބޭނުން ކަމެއްގެ ގޮތުގައި ދެކޭ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެހެންކަމުން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ސޮއިކުރައްވައި މަޖިލީހަށް ހުށަހެޅުއްވި ސިޓީގައި، އެ ޕާޓީގެ ޖަވާބު ރަސްމީ ސިފައެއްގައި މަޖިލީހަށް ބަލައިގަނެ ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި ހުށަހެޅޭނެ ފަދަޔަކުން އެޖެންޑާ ކޮށްދެއްވުމަށް އެދިފައިވާނެ ކަމަށް އެމްއެންޕީއިން ބުނެއެވެ.

މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވެވިއިރު އިދިކޮޅުން ވަނީ އިހުތިޖާޖު ކޮށްފައެވެ. އެކަމާ ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފުގެ ނަން އިއްވައި ތަޅުމުން ވަނީ ބޭރުވެސް ކޮށްފައެވެ. އަދި އެއަށްފަހު މަޖިލީހުގެ ޖަލްސާ މެދުކަނޑާލި ވަގުތުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސްލީމް) ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްވެސް ނިކުމެވަޑައިގަތެވެ.

އެ ތިން މެންބަރުންގެ ނަން އިއްވާފައި ނުވި ނަމަވެސް މެދުކަނޑާލުމަށް ފަހު ޖަލްސާ ފެށުމުން ސަލީމާއި ޣައްސާން އަދި އާދަމް ޝަރީފް މަޖިލީހަށް ވަދެވަޑައިގަންނަން މަސައްކަތް ކުރެއްވުމުން ސެކިއުރިޓީން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. އަދި އެކަމާ ގުޅިގެން ސަލީމް ވިދާޅުވީ މައިނޯރިޓީ ލީޑަރުގެ ބައިވެރިނުކޮށް ރިޔާސީ ބަޔާން އިއްވަން ގާނޫނު ތަން ނުދޭ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ރިޔާސީ ބަޔާނަށް ވާދަވެރި ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ޖަވާބެއް އިއްވަވަން ޖެހޭއިރު މީގެ ކުރިން ރައީސް ސޯލިހުގެ ހުރިހާ ރިޔާސީ ބަޔާނަކަށް ޖަވާބު އިއްވާފައިވަނީ ސަލީމެވެ.