ދިގު މުއްދަތުގެ ތަމްރީންތަކަށް ފަނޑިޔާރުން ވީއްލާނެ އުސޫލެއް ހަދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން އެގޮތަށް ނިންމީ، ފަނޑިޔާރުކަމަށް އައްޔަނު ވުމަށް ފަހު ދިގު މުއްދަތުގެ ތަމްރީން ފުރުސަތުގައި ފަނޑިޔާރުން ބައިވެރިވުމަށް ހުރަސްތަކެއް ހުރުމުން، އެކަމަށް ރިއާޔަތް ކޮށްފައެވެ. އަދި ފަނޑިޔާރުންނަށް އިތުރަށް ތައުލީމު އުނގެނުމަށް ހިތްވަރު ދިނުމުގެ ގޮތުންނާއި، އެ ދާއިރާގެ ހުނަރާއި، ގާބިލްކަން އިތުރު ކުރުމަށް ހިތްވަރު ދީ ބާރުއެޅުމަށް ކަމަށް ވެސް ޖޭއެސްސީ ބުނެއެވެ.

ޖޭއެސްސީން ބުނީ، ދިގު މުއްދަތުގެ ތަމްރީންތަކަށް ފަނޑިޔާރުން ވީއްލުމުގައި މިހާތަނަށް އަމަލު ކުރާނެ ވަކި އުސޫލެއް ނެތް ކަމަށާއި ނަމަވެސް ފަނޑިޔާރުންގެ ގާބިލްކަން އިތުރު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން ފަނޑިޔާރުން އަމިއްލައަށް ހޯދާ ފުރުސަތުތަކުގައި އާއި ތަމްރީން ޕްރޮގްރާމްތަކާއި، ކޯސްތަކަށް ފަނޑިޔާރުން ވީއްލުމަށާއި، އެފަދައިން ވީއްލާ އިރު މުސާރަ އާއި އިނާޔަތްތައް ހަމަޖެހިގެންދާނެ އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ފަނޑިޔާރުން ދިގު މުއްދަތުގެ ތަމްރީންތަކަށް ވީއްލާނެ އުސޫލެއް ހަމަޖައްސައި ދިނުމަށް ނިންމާފައިވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ފަނޑިޔާރުންގެ ނަޒާހަތްތެރިކަން މުހިންމު ކަމަށާއި، އެކަމަށްޓަކައި ފަނޑިޔާރުންގެ ޒަރޫރީ ބޭނުންތައް ކޮންމެހެން ހަމަޖެހިފައި ހުރުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފަނޑިޔާރުންނަށް ވަކި އަދަދަކަށް ފްލެޓް ކަނޑައެޅިގެންދާނެ ކަމަށާއި އެފަދަ މަޝްރޫއުތައް ނެތް ރަށްރަށުގައި ތިއްބަވާ ފަނޑިޔާރުންގެ ލިވިން އެލަވަންސްގެ މިންވަރު ވެސް، ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 އިންސައްތަ އަށް ވުރެ ކުޑަނުވާނެ ގޮތަކަށް ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މެޖިސްޓްރޭޓުންގެ މުސާރަ މި އަހަރު ބޮޑުކޮށްފައިވާ އިރު، ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު، މެޖިސްޓްރޭޓުންގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.