ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އާންމުންގެ ބައެއް އެކައުންޓްތަކުން ފައިސާ މަދުވަމުންދާ މައްސަލަ އަވަހަށް ބަލައިދިނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އެމްއެމްއޭއަށް ގޮވާލައިފިއެވެ.

އެމްއެންޕީން ބުނީ، ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުތަކުން ގިނަ އަދަދަކަށް ފައިސާ މަދުވަމުންދާ ކަމަށް ބުނެ ގިނަ އަދަދެއްގެ ރައްޔިތުން ކުރަމުން އަންނަ ޝަކުވާއަށް މިހާތަނަށް، ބީއެމްއެލް އާއި ގާނޫނު ތަންފީޒު ކުރާ އިދާރާ އާއި ބޭންކިންގެ ދާއިރާގެ ބެލެނިވެރި ފަރާތް ކަމުގައިވާ އެމްއެމްއޭ އިން އެދެވޭ ޖަވާބެއް ދީފައި ނުވާތީ ކަންބޮޑުވާ ކަމަށެވެ.

ރޯދަ މަސް ފެށެން ކުޑަތަން ވެފައިވާ މި ދަނޑިވަޅުގައި އާންމުންގެ ގިނަ ބައެއްގެ އެކައުންޓުން ވީނުވީއެއް ނޭނގޭ ގޮތަށް ފައިސާ ގެއްލުމަކީ އެ މީހުންނަށް ނުހަނު ބޮޑު ހިތާމައަކަށް ވާނެ ކަމެއް ކަމަށް އެމްއެންޕީން ފާހަގަ ކުރެއެވެ. އެހެންކަމުން ޝައްކުވާ ކަމަށް އެ ބުނާ މުއާމަލާތް ހިނގާފައިވާ ގޮތް އަވަހަށް ބަލައި ދިނުމަށް ބީއެމްއެލާއި އެމްއެމްއޭ އާއި ފުލުހުންނަށް އެމްއެމްއޭއިން ވަނީ ގޮވާލާފައެވެ. އަދި އެ ފައިސާ ލިބެން ޖެހޭ ފަރާތްތަކަށް އެ ފައިސާ އަވަހަށް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ވެސް އެމްއެންޕީން ވަނީ ގޮވާލާފައެވެ.

އެކައުންޓެއްގައި ޖަމާކޮށްފައި ހުންނަ ފައިސާގެ ޓްރާންސެކްޝަން މައުލޫމާތަކީ ބޭންކަށް އެނގޭނެ މައުލޫމާތު ކަމަށް ވާތީ، އެ ޝަކުވާތަކުގެ އަސްލަށް ވާސިލްވުމަކީ މާއުނދަގޫ ކަމަކަށް ވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެމްއެންޕީން ބުނެއެވެ.

މީގެ އިތުރުން ސަރުކާރުން ވެސް މި މައްސަލަތަކަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދީގެން، ގެއްލުން ލިބުނު ފަރާތްތަކަށް ހައްގު ބަދަލު ސަރުކާރުން ދިނުމަށް އެމްއެންޕީން ވަނީ އެދިފައެވެ. އަދި މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެސް ނިންމާފައިވާ ކަމަށް އެމްއެންޕީން ބުނެއެވެ.

މީގެ ކުރިން އެކިކަހަލަ ސްކޭމްތައް ހަދައިގެން އެކި ޒާތްޒާތުގެ ލިންކްތައް ފޮނުވައިގެންނާއި ބީއެމްއެލްގެ ނަމުގައި ގުޅައިގެން އެކައުންޓާއި ކާޑާއި ޕާސްވޯޑްގެ މައުލޫމާތު ހޯދައިގެން އެކައުންޓްގައި ހުންނަ ފައިސާ ފޭރޭ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. މި ފަދަ މައްސަލަތަކުގައި ބީއެމްއެލުން ބުނެފައި ވަނީ އެ ބޭންކުން އެއްވެސް ކަސްޓަމަރެއްގެ އެކައުންތާ ބެހޭ މައުލޫމާތު ސާފު ކުރަން ނުގުޅާނެ ކަމަށާއި އެފަދައިން ފޮނުވާ ލިންކްތަކަށް ނުވަނުމަށެވެ.

ނަމަވެސް މި ފަހުން ނޭނގި ހުއްޓާ މީސްމީހުންގެ އެކައުންޓްތަކުން ވީނުވީއެއް ނޭނގި ފައިސާ މަދުވާ މައްސަލަަތައް ވަރަށް ގާތްގާތުގައި އައި ފެންނަމުންނެވެ. އޭގެތެރެއިން ގިނަ ބަޔަކު ވަނީ އެ މުއާމަލާތްތަކުގެ ސްކްރީންޝޮޓްތަކާ އެކު އެމީހުންގެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެތައް ދުވަހެއް ވަންދެން ބީއެމްއެލާއި ފުލުހުންނަށް ގުޅަިއގެން ވެސް އެ މައްސަލައިގައި ކުރިއެރުމެއް ނުލިބޭ ކަމަށް ބުނެ އެތައް ބަޔަކު ޝަކުވާ ކުރަންފެށިއެވެ. އަދި ބީއެމްއެލް ބޮއިކޮޓް ކުރުމަށާއި ބީއެމްއެލް ނޫން ގޮތްތައް އެބަހުރި ކަމަށް ބުނެ އެ ކުންފުންޏާ ދެކޮޅަށް އެތައް ބަޔަކު ވާހަކަ ދައްކަން ފެށިއެވެ.

މި ޝަކުވާތައް ގިނަވެ އެތައް ބަޔަކު ބީއެމްއެލާ ދެކޮޅަށް ވާހަކަ ދައްކަން ފެށުމުން އެ ބޭންކުން އިއްޔެ ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ކާޑުތަކުގެ މައުލޫމާތު ބޭންކު ތެރެއިން ލީކް ނުވާ ކަމަށާއި އެ މައުލޫމާތު ލީވް ވަނީ އެކި އެކި މާޗަންޓްތަކުން ކަމަށެވެ. މާޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށާއި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެކަމުގެ ޔަގީންކަން ދޭނެ ކަމަށް ބީއެމްއެލުން ބުނެފައި ވެއެވެ. އެގޮތުން ޑިސްޕިއުޓް މަރުހަލާ ނިމުމާއެކު ކަސްޓަމަރުންނަށް ރިފަންޑް ލިބޭނެ ކަމަށް ވެސް ބީއެމްއެލުން ވަނީ ބުނެފައެވެ.

ކާޑުތަކުގެ މައުލޫމާތު ހާމަވެ މުއާމަލާތްތަކެއް ހިންގާފައިވާ ކާޑުތައް މިހާރު ބޭންކުން ބްލޮކްކޮށްފައި ވާއިރު، އެއްވެސް ފީއަކާ ނުލައި އެ ކާޑުތައް އާ ކުރުމުގެ މަސައްކަތް ބީއެމްއެލުން އަންނަނީ ކުރަމުންނެވެ.