އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގައި ހިމެނޭ މީހެއް ކަމަށްވާ ހ. ސްނޫފީ އަބްދުﷲ އާސިމްގެ (ޒިޔަތުގެ ބޮޑުބޭބެ) އަތުން 37،933،200 މިލިއަން ރުފިޔާ ހޯދަން އޭސީސީން، އެމްއެމްޕީއާރްސީ އަށް އަންގައިފިއެވެ.

އަބްދުﷲ ޒިޔަތަކީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް އެންމެ ފުރަތަމަ ފެންމަތިވި ދުވަސް ވަރު، 2016 ގައި އޭނާ ހައްޔަރުވެސް ކުރިއެވެ.

އޭސީސީން، އެމްއެމްޕީއާރްސީގައި އެދިފައިވަނީ ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ މައްސަލައިގައި ހ. ސްނޫފީ އަބްދުﷲ އާސިމްގެ އަތުން 2.4 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 37.9 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށެވެ.

އޭސީސީން މި މަހުގެ 14 ވަނަ ދުވަހު އެމްއެމްޕީއާރްސީ އަށް މިހެން އަންގާފައި ވާއިރު މި މައްސަލައާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން ހިމެނޭ ލިސްޓެއް މަޖިލީހުން ވަނީ އާންމު ކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރުންގެ އިތުރުން ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިބި 119 މީހަކު ހިމެނެއެވެ.

އެމްއެމްޕީއާރްސީގެ 3.4 ބިލިޔަން ރުފިޔާއަށް ވުރެ ބޮޑު ހިޔާނާތެއް ވެފައި ވާއިރު މި މައްސަލަައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ އިތުރު މީހުންގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ.