ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް ބޯމަތިވެފައި ވާ އިރު އެންމެ ވާދަވެރިވާނެ ކަމަށް ޑެޕިއުޓީ ލީޑަރުގެ އިންތިހާބެވެ. އެ މަގާމަށް ގިނަ ބަޔަކު ކުރިމަތިލައްވާފައި ވާ އިރު ހއ ވަށަފަރަަށް އުފަން އިގްބާލް އާދަމަކީ އުޅުން ހުރި، ގުޅުން ހުރި ތަޖުރިބާކާރެކެވެ.
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާޕާސްންގެ މަގާމު ފުރުއްވި އިގްބާލް އަކީ މާލޭގައި އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދާއި ކޭތަ ނަމާދުތައް ފާއިތުވި 20 އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވާފައިވާ ބޭފުޅެކެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމަށް އިގްބާލް ކުރިމަތިލައްވާފައި ވާއިރު، އޭނާގެ ކެމްޕެއިން ޝިއާރަކީ "ލީޑަރުގެ ހިތްވަރު، އަހުރެންގެ ފަންވަރު" އެވެ.
އިގްބާލްގެ ތައުލީމީ ހަޔާތަށް ބަލާއިރު އޭނާ ވަނީ މާސްޓާސް ޑިގްރީ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ބެޗެލާސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލް ކުރައްވާފައެވެ. އަދި މިހާރު އިގްބާލް ގެންދަވްނީ ދވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ކޯސް ފުރިހަމަ ކުރައްވަމުންނެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުން ތަންރީން ޕްރޮގްރާމްތައް ފުރިހަމަ ކުރައްވާފައެވެ. އޭގެތރޭގައި ސިންގްޕޫރާއި މެލޭޝިއާ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތައް ހިމެނެއެވެ.
އިގްބާލް ފުރިހަމަ ކުރެއްވި ބައެއް ތަމްރީން ޕްރޮގްރާމްތައް:
- ފައިނޭންސް އެންޑް ބަޖެޓް މެނޭޖްމަންޓް – ސިންގަޕޯރެ އިންސްޓްޓިއުޓް އޮފް މެނޭޖްމަންޓް
- ގުޑް އާބަން ގަވަނަންސް އެންޑް ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް – އޮސްޓްރޭލިއާ
- ބިލްޑިންގް ހައި ޕާފޮމަންސް ޓީމްސް – ސިންގަޕޫރު
- ސްޓްރެޓީޖިކް މެނޭޖްމަންޓް ސްކިލްސް – މެލޭޝިއާ
- ބޭސިކް ޕްރޮޖެކްޓް މެނޭޖްމަންޓް – ސިންގަޕޫރު
- ލީޑާޝިޕް ސްކިލްސް – ސިންގަޕޫރު
- އިފެކްޓިވް މެނެޖީރިއަލް ސްކިލްސް – ސިންގަޕޫރު
- ބޭސިކް ސިވިލް އިންޖިނިއަރިން އެންޑް ކުއަންޓިޓީ ސާވޭއިން – އޮސްޓްރޭލިއާ
2004 ވަނަ އަހަރުން ފެށިގެން ސިޔާސީ ދާއިރާގައި މެދުނުކެނޑި ހަރަކާތްތެރިވަމުން ގެންދަވާ އިގްބާލަކީ އިދާރީ ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މިހާރު ވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެކެވެ. މިހާރު ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން ގެންދަވާ އިގްބާލް ވަނީ މި ނޫން ވެސް ގިނަ ދާއިރާތަކަށް ހިދުމަތް ކޮށްދެއްވާފައެވެ.
އެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަަރާ ދެމެދު ފެނަކަ ކޯޕަރޭޝަންގެ ބޯޑުގެ ޗެއާމަންގެ މަގާމު ފުރުއްވާފައިވާ އިރު، 2016 ވަނަ އަހަރު އޭނާ ވަނީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ. ހަމައެއާއެކު 2013 ވަނަ އަހަރު އެމްޓީސީސީގެ ބޯޑު ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ އިރު، 2010 އިން 2013 އަށް އޭނާ ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ބޯޑް ޑިރެކްޓަރުގެ މަގާމު ފުރުއްވައި، 2004 އިން 2007 އާ ދެމެދު ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓާ އަދި ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.
އަދި 2011 އިން 2016 ވަނަ އަހަރާ މެދު އޭނާ ވަނީ ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމްގެ ޕާސަނަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާފައެވެ.
މީގެ އިތުރުން ވެސް އޭނާ ވަނީ ގިނަ އިދާރާތަކުގެ މަތީ ފަންތީގައި ވަޒީފާ އަދާ ކުރައްވާފައެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓްގެ އެސިސްޓަންޓް ޑިރެކްޓާގެ މަގާމާއި ތ ތޮޅުގެ އަތޮޅު ވެރިޔާގެ މަގާމާއި ހއ. ވަށަފަރު ކަތީބުކަމާއި ވަށަފަރު ސްކޫލުގެ ޕްރިންސިޕަލްގެ މަގާމާއި ޑިޕާޓްމަންޓް އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ އިނގެރޭސި ސެކްރެޓަރީގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އިގްބާލްގެ އިތުރުން 12 ބޭފުޅަކު ކުރިމަތިލައްވާފައި ވާ އިރު އޭނާގެ ކެންޑިޑޭޓް ނަންބަރަކީ 9 އެވެ. މިމަހުގެ 23 އިން 26 އަށް އޮންނަ ކޮންފަރެންސްގައި 5 ޑެޕިއުޓީން ހޮވާއިރު ކުރިމަތިލައްވާފައި ތިއްބެވި 12 ބޭފުޅުންގެ ތެރެއިން އިގްބާލަކީ ސިޔާސީ، އިލްމީ އަދި ހިންގުމުގެ ތަޖުރިބާއިން ފުރިފައި ހުރި ބޭފުޅެކެވެ. މަސައްކަތުގެ ދާއިރާތަކުގައި ތަޖުރިބާއިން އެކަން ދައްކަވާފައިވާ އެނާޖެޓިކް ބޭފުޅެކެވެ.