އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިނެންދެން ބަންދު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، އޭނާ ޝަރީއަތް ނިނެންދެން ބަންދުކުރަން އަމުރު ކޮށްފައި ވަނީ އޭނާގެ ބަންދުގެ މުއްދާމެދު ގޮތެއް ނިންމުމަށް ރޭގެ ވަގުތެއްގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ.

މި މާރާމާރީގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައި ފައިވާ ކަމުގެ މައްސަލަ ރިޕޯޓު ކޮށްފައި ވަނީ ހުކުރު ދުވަހުގެ 10:02 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

އައްޑޫ ސިޓީގައި ގިނަ އަދަދެއްގެ މާރާމާރީތައް ހިންގަމުން އަންނައިރު މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު ވެސް އައްޑޫގައި ހިންގި މާރާމާރީއެއްގައި 21 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ.