މިދިޔަ މަހު ފަހުކޮޅު އެމްޑީޕީން ބޭއްވި އެތެރޭގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ރަސްމީކޮށް އަރުވައިފިއެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި، ރައީސް ޕްރައިމަރީ ކާމިޔާބުކުރައްވައި ހޯއްދެވި ޓިކެޓު އަރުވާފައި ވަނީ އެކަމަށްޓަކައި ހާއްސަކޮށް އަލިމަސް ކާނިވާގައި ކުރިއަށްދާ ހާއްސަ ޖަލްސާއެއްގައެވެ.

ރައީސަށް ޓިކެޓު އަރުވާފައި ވަނީ، އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. ޓިކެޓެއްގެ ގޮތުގައި ރައީސަށް އަރުވާފައި ވަނީ އިހު ޒަމާނުގެ ފަތްކޮޅެއް ގޮތަށް ތައްޔާރު ކޮށްފައިވާ ލިޔުމެކެވެ.

"މީލާދީ ސަނަތުން 2023 ވަނަ އަހަރުގެ ޖެނުއަރީ 28 ވީ ހޮނިހިރު ދުވަހު، ޕާޓީގެ މެންބަރުންގެ ނުހަނު ތަނަވަސް އަޣުލަބިއްޔަތަކުން ކަނޑައަޅާފައިވާ ގޮތުގެ މަތިން، 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި މާތްﷲގެ ވާގިފުޅާ އެކު ވާދަކުރުމަށްޓަކައި ފާދިއްޕޮޅު ހިންވަރު، ނޫރާނީއާގޭ އިބްރާހީމް މުހައްމަދު ސޯލިހާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފިން،" އެ ޓިކެޓުގެ އިބާރާތުގައި ވެއެވެ.

މިރޭގެ ޖަލްސާގައި ނަޝީދުގެ އިތުރުން، އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ރައީސަށް ޓިކެޓު އެރުވުމަށް އެމްޑީޕީން ޖަލްސާ ބާއްވަމުން ދަނީ، އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ ބާތިލްކޮށްދިނުމަށް އެދި ނަޝީދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.