އިންޑިއާގެ ވެރިރަށް ދިއްލީގެ އަމާންކަން ގެއްލުވާލި ރަހުމް ކުޑަ ބޮޑު ގަތުލަކަށް 9 މަސް ނުވާނީސް، އިތުރު ސިހުމެއް ލިބުނު ނުރައްކާތެރި 2 ގަތުލެއް އަނެއްކާ ހިނގައިފިއެވެ.

ލޯބިވެގެން އިންނާން ކަމަށް ބުނެ އެކީގައި އުޅެމުން ދިޔަ އަންހެން މީހާ މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު 35 ބަޔަކަށް ބުރިކޮށް ގޭގެ ފްރިޖްގައި ބަހައްޓައިގެން އެކި ދުވަސް މަތިން، ދިއްލީގެ އެކި ތަންތަނަށް އުކާފައިވާ ހާދިސާ އަކީ މެއި 2022 ގައި ހިނގި ހާދިސާއެވެ.

އެ ހާދިސާ ހިނގިތާ 9 މަސް ފަހުން މިވަނީ އެފަދަ އެހެން 2 ހާދިސާއެއް ހިނގާފައެވެ. ލޯބިވެރިޔާ މަރާލުމަށް ފަހު، ފްރީޒަކަށް ލައިފައި އޮއްވާ ފެނުނު ހާދިސާއެއް ފެންމަތި ވެފައެވެ. ތިން ވަނަ ހާދިސާ ފެންމަތިވީ، ލޯބިވެރިޔާ މަރާލުމަށް ފަހު ނިދާ އެނދު ދަށަށް ލައިފައި އޮއްވާ ފެނުމުންނެވެ.

ތަފާތި މި 3 ހާދިސާގައި، ޝްރައްދާ އާއި ނިކީ އަދި މޭގާ މަރާލީ އެމީހުންގެ ލޯބިވެރިންނެވެ.

ނިކީ އާއި އޭނާގެ ލޯބިވެރިޔާ

ނިކީ މަރާލުމާއި އެހެން އަންހެނަކާ އިނުން

އުމުރުން 24 އަހަރުގެ ސާހިލް ގެލޯޓް އަކީ ދިއްލީގެ ދެކުނު ބިތުގެ ރަށެއް ކަމަށް ވާ މިތްރޯން ވިލެޖަށް ނިސްބަތް ވާ މީހެކެވެ. އޭނާ ލޯބީގެ ގޮތުން ގުޅުނު ނިކީ ޔާދޭވް އާ ދިމާވަނީ އުއްތަރް ނަގަރްގައި ހިންގި ކޯޗިން ސެންޓަރަކުން 2018 ވަނަ އަހަރުގެ ތެރޭގައެވެ. އެ ދެމީހުންނަކީ ކުރިން އެއް ކޮލެޖެއްގައި ކިޔަވަން އުޅުނު ދެމީހުން ކަމުން އެތަނުން ދެމީހުން ބައްދަލުވެ ހިތާވެ، އިނދެގެން ކަމަށް ބުނެ އެކުގައި އުޅެން ނޮއިޑާއަށް ދިޔައެވެ.

ނިކީ މަރާލުމުގެ ކުށުގައި ސާހިލް މިހާރު ހައްޔަރު ކޮށްފައި ވާ އިރު އޭނާ އެކަން ކުރީ، ނިކީ ނޫން އެހެން މީހަކާ އިންނަން އާއިލާއިން ޕްރެޝަރު ކުރާތީ އިނުމުގެ ބޭނުމުގައި ކަމަށް ބުނެފައި ވެއެވެ.

ފުލުހުން ބުނެފައި ވާ ގޮތުގައި ސާހިލް، ނިކީ މަރާލުމަށްޓަކައި، ކާރު ދުއްވާލަން ގެންދިޔައެވެ. ތަންކޮޅަކަށް ދުއްވުމަށް ފަހު، ކާރުގައި އޮތް އޭނާގެ މޮބައިލް ފޯނުގެ ކޭބަލް، ނިކީގެ ކަރުގައި އޮޅާ ނޭވާ ހާސްކޮށްލައި މަރާލިއެވެ. އަދި ނިކީގެ ފުރާނަ ނެތް މަސްގަނޑު ބާއްވައިގެން 40 ކިލޯ މީޓަކަށް ދުއްވި ކަމަށާއި އެއަށް ފަހު ގެންގޮސް ލީ، ނަޖަފްގަރް ގައި ހުންނަ އޭނާ ހިންގާ ޑައްބާ (ކުޑަ ރެސްޓޯރަންޓެއް) ގައި ހުރި ފްރީޒަރަކަށެވެ.

އޭނާ ނިކީ މަރާލި އިރު، އާއިލާއިން ދެއްކި އެހެން އަންހެނަކާ އިންނަން ސާހިލް އޮތީ ރަންކިޔާފައެވެ. އެކަން ނިކީއަށް އެނގުމާއި، ނިކީގެ ފަރާތުން ސަލާމަތް ވުމަށް އޮތް މަގަކީ އޭނާ މަރާލުން ކަމަށް ސާހިލްގެ ޝައިތާނީ ވިސްނުމަށް އައީކަމަށް ބުނެއެވެ. ނިކީގެ ހަށިގަނޑު ގެންގޮސް ފްރީޒަރަށް ލުމަށް ފަހު ދުއްވާފައި ގޮސް ހަމަ އެދުވަހު އަނެއް މީހާއާ އިނދެފިއެވެ.

މޭގާ އާއި އޭނާގެ ލޯބިވެރިޔާ

ނިދާ އެނދު ދަށުން ފެނުނު މޭގާގެ ހަށިގަނޑު

ނިކީގެ ގާތިލު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން ދާ އިރު، މަހާރާސްތްރަ ސްޓޭޓްގެ ފުލުހުންގެ ފޯންތައް ބިޒީވީ، އެ ސްޓޭޓެގައި ހުރި އެޕާޓްމަންޓަކުން ނުބައި ކުނިވަހެއް ދުވާތީ އަވައްޓެރިންގެ ފޯން ކޯލްތަކުންނެވެ.

ފުލުހުން އެ ސްޓޭޓްގެ ޕަލްގާރްގައި ހުރި އެޕާޓުމަންޓަކަށް ގޮސް ބެލި އިރު ފެނުނީ، ކުނިވެފައި އޮތް މޭގާ ދާން ސިންގް ތޯރްވީގެ ހަށިގަނޑެވެ. މޭގާ މަރާލުމަށް ފަހު ނިދާ އެނދުގެ ދަށުގައި ހުރި ބޮޑު ވަތްގަނޑަށް (ތަކެތި އަޅަން އެނދު ދަށުގައި ހަދާފައި ހުންނަ ވޮޑެތި ވަތް) ލައިފައި ލޯބިވެރިޔާ ހާޑިކް ޝާހް 27 އ. ފިލީއެވެ. މޭގާ އަކީ ނަރުހެއް ނަމަވެސް ހާޑިކް ގެ ވަޒީފާއެއް ނެތުމުން ދޭތެރެ ދޭތެރެއިން ދެމީހުން އަރާރުން ވާކަމަށާއި އެ އަރާރުމުގެ ތެރޭގައި މޭގާ މަރާލީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެމީހުން އެކުގައި އުޅުނީ އިނދެގެން ކަމަށް ބުނެ ކަމުގައި ގޭގެ ވެރިފަރާތުން ބުނެފައި ވާ އިރު، ފުލުހުން ހިންގި ތަހުގީގުން އެނގިފައި ވަނީ ނީންނަ ކަމާއި މޭގާ މަރާލުމަށް ފަހު ފިލައިގެން ދިޔުމުގެ ކުރިން، ހާޑިކް އޭނާގެ ދައްތައަށް މެސެޖް ކޮށް މޭގާ މަރުވެއްޖެ ކަމަށާއި އެއާއެކު އެމީހުން ދިރިއުޅުނު ތަނުގައި ހުރި ފަރުނީޗަރުކޮޅު ވިއްކާލާފައި ފުރަނީ ކަމަށް ބުނެފައި ވާ ކަމަށެވެ. މިހާރު އޭނާ ހޯދާ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

ޝްރައްދާ އާއި އޭނާގެ ލޯބިވެރިޔާ

35 ބަޔަށް ބުރިކޮށް ކޮތަޅު ކޮތަޅުގައި ރަށުތެރެއަށް އުކި ޝްރައްދާގެ މަރު

އެއީ މެއި 18، 2022 އެވެ. އުމުރުން 28 އަހަރުގެ އާފްތާބް އަމިން ޕޫންވާލާ، އޭނާގެ ލޯބިވެރިޔާ އުމުރުން 25 އަހަރުގެ ޝްރައްދާ ވޯކަރު މަރާލިއެވެ. ޝްރައްދާ އާއި އާފްތާބްވެސް އުޅުނީ އެކުގައި ވަކިން އެޕާޓްމަންޓެއް ހިފައިގެންނެވެ. ޝްރައްދާ ބޭނުންވީ އިންނާށެވެ. ނަމަވެސް އާފްތާބް ގެ ހިޔާލު ފަހުން ބަދަލުވެ އައި ރުޅީގައި ޝްރައްދާ މަރާލިއެވެ. 6629 ސޮފްހާގެ ޗާޖް ޝީޓް (ދައުވާ ފޯމް) ގައި އެ ހުރިހާ ވާހަކައެއް ތަފްސީލުކޮށް ބަޔާން ކޮށްފައި ވާ އިރު ފުލުހުން ބުނެފައި ވަނީ ޝްރައްދާ މަރާލުމަށްޓަކައި އާފްތާބް ތައްޔާރު ވަމުން ދިޔަ ކަމަށާއި ފްރިޖެއް ގަނެ، ގެއަށް ވައްދާ، އޭގެ ދުވަސްކޮޅެއްގެ ފަހުން ޝްރައްދާ މަރާލުމަށް ފަހު ކުދިކޮށް ކޮށާ، ފްރިޖް ކުރިކަމަށެވެ. ދެން މަދުމަދުން ކޮތަޅު ކޮތަޅުގައި ދިއްލީގެ އެތަން މިތަނަށް އެކި ދުވަސް މަތިން ހަށިގަނޑުގެ ބައިތައް އުކަމުން ދިޔައެވެ. ޖުމްލަ 18 ދުވަހު އޭނާ އެކަން ކުރިކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ދެމީހުންނަކީވެސް ދޭތެރެ ދޭތެރެއިން އަރާރުންވެ ތަޅާފޮޅާ ހަދާ ދެމީހުންނެވެ. އާފްތާބްގެ އަނިޔާވެރިކަމާއި ނުލަފާކަމުން ޝްރައްދާއަށް ލިބޭ އަނިޔާ ބޮޑުވެ މޫނާއި އެތަން މިތަން އަދި ލޯމަތި ދުޅަކޮށްލާފައި ހުންނަ ދުވަސްތައް މަދެއް ނޫނެވެ. އެ ކަންތައްގަނޑުގެ ތެރޭގައި ޝްރައްދާ ވަޒީފާއިން ވެސް ވަކިވާން ޖެހުނެވެ. ނަމަވެސް އަނބުރާ މައިންބަފައިންގެ ގާތަށް ދާން ޝްރައްދާއަށް ނުކެރުނީ، އޭނާ އާފްތާބާއެކު އެކުގައި އުޅެން ދިޔައީ މައިންބަފައިން ދޫކޮށްފައި ކަމަށް ވުމުންނެވެ. ނަމަވެސް މައިބަފައި ކުލުނަކީ ދަރިންގެ މައްޗަށް ކެނޑޭނެ ކުލުނެއް ކަމަށް ނުވާތީ، ޝްރައްދާގެ ހަބަރު ނުވެ ގިނަ ދުވަސް ވުމުން އޭނާގެ ބައްޕަ ޝްރައްދާ ހޯދަން ނިކުތީއެވެ. އެމީހުން ދިއްލީގައި އުޅުނު އެޕާޓްމަންޓަށް ދިޔަ އިރު އެތަން ހުރީ ތަޅުލާފައެވެ. އެހާ ހިސާބުން ފުލުހުންގެ ސަމާލުކަމަށް އެމައްސަލަ ގެނައުމުން ކުރި މަސައްކަތުން އާފްތާބް އަތުވީ، ނޮވެމްބަރު 12، 2022 ގައެވެ.

މި 3 ލަވް ސްޓޯރީ އަކީ އާންމުކޮށް މަރުގެ ހާދިސާތައް ހިނގާ އިންޑިއާގައި ހިނގާ ގޭންގް ރޭޕާއި އެނޫންވެސް އެބާވަތުގެ މަރުތަކާ ހިލާފަށް ސިހުން ގެނުވި 3 ލަވް ސްޓޯރީއެވެ. ލޯބިން އެކީގައި އުޅެން ގޮސް ދިމާވެފައި ވާ 3 ހާދިސާއަށް ވުމާއި، ކިޔަވައިގެން ތަންދޮރު ފިލާފައި ތިބި މީހުންގެ ތެރޭގައި ހިނގާފައި ވާ ހާދިސާތަކަކަށް ވުމީ މި ލަވް ސްޓޯރީތަކަށް ދެވުނު ސަމާލުކަން ބޮޑުވި ކަމެކެވެ.