ވީނުވީ ނޭނގި ގެއްލޭ މީހުން ހޯދުން ހަރުދަނާކުރުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމުން، އެ މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު، އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މައްސަލަ ހުށަހަޅުއްވައި ވިދާޅުވީ، ވީނުވީ ނޭނގި ގެއްލޭ މީހުންގެ އަދަދު އިތުރުވެ، އެކަމުގެ ސަބަބުން މުޖުތަމައުގެ މެދުގައި ކަންބޮޑުވުން އިތުރުވެފައިވާ ކަމަށާއި، މިފަދަ މައްސަލަތަކުގައި ސަރުކާރުން ފަރުވާކުޑަކުރާ ކަމުގެ ޝަކުވާ އިތުރުވަމުންދާ ކަމަށެވެ

މިދިޔަ މަހުގެ ފަހުކޮޅު ގެއްލުނު ގެއްލުނު އއ. މަތިވެރި، ހަސަން އަލީ (ހަސަންފުޅު) އާއި މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ގެއްލުނު އައްޑޫ މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރުގެ ވާހަކަ ވެސް ކުއްލި މައްސަލައިގައި ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، އެ ދެ މީހުން ހޯދުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިވާކަން ގަބޫލުނުކުރެވޭ ކަމަށެވެ،

ނަމަވެސް، އެ މައްސަލަ އަށް ބަހުސްކުރުމަށް ފެނޭތޯ ވޯޓަށް އެހުމުން، ވޯޓު ދެއްވި 47 މެންބަރުންގެ ތެރެއިން އެ މައްސަލަ އަށް ބަހުސްކުރަން ނުފެންނަ ކަމަށް 29 މެންބަރަކު ވޯޓު ދެއްވައި، މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި އާދަމް ޝަރީފް ވިދާޅުވީ، ދިރިއުޅުމުގެ ހައްގަކީ އިސްލާމްދީނާއި ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގަކަށްވާއިރު، އެ މައްސަލަ ހުށަހެޅުމުން، އެ މައްސަލަ ބަލައިނުގަތުމަށް ސަރުކާރުގެ ދިފާއުގައި މަސައްކަތްކުރައްވާ އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވާފައިވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން، ހަސަންފުޅާއި އާސިރުގެ އިތުރުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގައި ސަރުކާރުން އެ ފަރާތްތައް ހޯދުމަށް ކޮށްފައިވާ މަސައްކަތްތަކާއި ލިބިފައިވާ ކުރިއެރުންތަކާއި ކުރިމަތިވަމުންދާ ދަތިތައް، މަޖިލީހުގެ 241 ކޮމިޓީ މެދުވެރިކޮށް ބައްލަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ

އާސިރާ ބެހޭ ގޮތުން ފުލުހުން އެންމެ ފަހުން ހާމަކުރި މައުލޫމާތުގައި ބުނީ، އާސިރު ފެނިފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުގެރޭ 7:20 ހާއިރު ހުދު ޓެކްސީ އަކަށް އަރާ މަންޒަރު ކަމަށާއި، ޓެކްސީ އެއާޕޯޓަށް ގޮސް މަޑުކުރުމުން ފައިބާ މަންޒަރު ކަމަށެވެ. އާސިރު އެއާޕޯޓަށް ދިޔަ ނަމަވެސް، އެއްވެސް ތަނަކަށް ފުރައިގެން ދިޔަކަން އެނގިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

މަތިވެރިން ގެއްލުނު ހަސަންފުޅުގެ ހަބަރެއްނުވާއިރު، އޭނާ ހޯދުމަށްޓަކައި ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ.