،މި ސީޒަންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގު މުބާރާތުގެ ގަދަ 16 ގެ މެޗުތައް މިރޭ ފަށާނެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޮތް ވޯލްޑްކަޕްގެ ކުރިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްތައް ނިންމާ ދެވަނަ ބުރަށް ދިޔަ ޓީމުތައް ހާމަވެފައިވާ އިރު މިސީޒަންގެ މުބާރާތުގެ ނޮކްއައުޓް ސްޓޭޖްތައް ވެސް ފަށަނީ ވަރުގަދަ ކުރިމަތިލުންތަކަކުންނެވެ.
މި ގޮތުން މިރޭ ފްރާންސްގެ ޕީއެސްޖީއާ ޖާމަނީ ބަޔާން މިއުނިކް ޕީއެސްޖީގެ ދަނޑުގައި ބައްދަކުރާ އިރު މި ދެ ޓީމު އެންމެ ފަހުން ވާދަކުރީ 2020 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައެވެ. އެފަހަރު 1-0 އިން ޕީއެސްޖީ ބަލިކޮށް ތަށި އުފުލާލީ ބަޔާންއެވެ.
މިރޭ މެޗުގައި ޕީއެސްޖީން ނަގާފައިވާ ސްކޯޑްގައި އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީގެ އިތުރު ފްރާންސްގެ ޒުވާން ފޯވަޑް ކިލިއަން މަމްޕާބޭ ހިމެނޭ އިރު އަނިޔާގެ ސަބަބުން މި ދެ ކުޅުންތެރިން ޓީމުން އެންމެ ފަހުން ކުޅުނު ދެ މެޗަށް ނާރައެވެ. މިރޭގެ މެޗުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައި މަމްބާޕޭ އަދި މެސީ ވެސް ވަނީ ބައިވެރިވެފައެވެ.
ބަޔާންގެ ފޯމްއަށް ބަލާ އިރު އެޓީމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ފަހުން އެޓީމުން ކުޅެފައިވާ އެއްވެސް މެޗަކުން ބަޔާން ބަލިވެފައެއް ނުވެއެވެ.
މިރޭ ދެން ކުޅޭ މެޗުގައި ވާދަކުރަނީ އިޓަލީގެ އޭސީ މިލާންއާއި އިންގްލޭންޑްގެ ޓޮޓެންހަމްއެވެ.