މި ސީޒަންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ ތަށި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އުފުލާލައިފިއެވެ. މިއީ ޕީއެސްޖީގެ ތާރީހުގައި ވެސް އެކްލަބުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ރޭ ޖާމަނީގެ އެލިއަންޒް އެރީނާގައި ކުޅުނު ފައިނަލް މެޗުގައި އިޓަލީގެ އިންޓާ މިލާންއާ ވާދަކޮށް ޕީއެސްޖީ މެޗު ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ޔޫރަޕްގެ ފައިނަލެއް އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ޓީމެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ރޭ މެޗުގައި ޕީއެސްޖީގެ 19 އަހަރުގެ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ޑިސަރޭ ޑޫއޭ ވަނީ ވިދާލާފައެވެ. ޕީއެސްްޖީއިން ޖެހި 5 ލަނޑުގެ ތެރެއިން ދެ ލަނޑު އޭނާ ކާމިޔާބުކުރި އިރު މެޗުގެ 12 ވަނަ މިނެޓްގައި އަޝްރަފް ހަކީމީ ޖެހި ޕީއެސްޖީގެ ފުރަތަމަ ލަނޑަކީ ޑޫއޭގެ އެސިސްޓެކެވެ.
ރޭގެ ފައިނަލްގައި ޕީއެސްޖީގެ ފަރާތުން އަވަސް ކުޅުމެއް ފެެނިގެން ދިޔަ އިރު އެޓީމުން އިންޓާގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކުރިއެވެ. އަދި މެޗުގައި ޑޫއޭ ޖެހި ފުރަތަމަ ލަނޑާއެކު ޕީއެސްޖީ ފުރަތަމަ ހާފް ނިންމާލީ 2-0 އިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި ވެސް ގަދައަށް ކުޅުނީ ޕީއެސްޖީންނެވެ. އެޓީމުގެ ތިން ވަނަ ލަނޑު ޖަހާ ދިނީ ވެސް ޑޫއޭއެވެ. މި ލަނޑު އޭނާ ޖަހާ ދިނީ މެޗުގެ 63 ވަނަ މިނެޓްގައެވެ. އޭނގެ 10 މިނެޓް ފަހުން ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ފެނިގެން ދިޔަ އިރު މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޖޯޖިއާގެ ފޯވަޑް ވީޝާ ކަވްރަޓްޝްކޭލިއާއެވެ. މެޗު ނިމެން ދަނިކޮށް ޕީއެސްޖީން ސްކޯ 5-0 ހެދިއެވެ. މިލަނޑު ޖަހާ ދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި 19 އަހަރުގެ ސެނީ މެއިލޫއެވެ.
ގަދަ 16 އިން ފައިނަލާ ހަމައަށް އިނގިރޭސި 3 ޓީމު ބަލިކުރުމަށް ފަހު ފައިނަލަށް އައި ޕީއެސްޖީ ވަނީ 2020 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވެސް ކުޅެފައެވެ. އެހެން ނަމަވެސް އެފަހަރު 1-0 އިން ބަޔާން އަތުން ޕީއެސްޖީ ބަލިވިއެވެ.
ރޭގެ ކާމިޔާބީއާ އެކު ޕީއެސްޖީ ސީޒަން ނިންމާލާނީ ތިން ތައްޓާއެކުއެވެ. އެއީ ފްރާންސްގެ ލީގު ތައްޓާއި، ކޫޕް ޑި ފްރާންސްގެ އިތުރުން ޗެމްޕިއަންސް ލީގުގެ ތައްޓާއެކުއެވެ.
ޕީއެސްޖީގެ ކާމިޔާބީއާއެކު ކޯޗު ލުއިސް އެންރީކޭ ވެސް މިވަނީ ތާރީހުގެ ތެރެއަށް ގޮސްފައެވެ. 2015 ވަނަ އަހަރު ބާސަލޯނާއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ދިން އެންރީކޭ އަކީ މިހާތަނަށް ދެ ކްލަބަކާއެކު މި ތަށި ކާމިޔާބުކުރި 6 ވަނަ ކޯޗެވެ.