ބޭންކް އޮފް މޯލްޑިވްސް އިން ޔޫއެފާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅޭ ޓީމުތަކާއެކު މެޗު ފަށަން ދަނޑަށް އަރާ ކުދިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މިއަހަރު ވެސް މާސްޓަކާޑު ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.

މި ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް އޮންނާނީ ޖަރުމަންގެ މިއުނިކްގައެވެ.

ބީއެމްއެލް އިން ބުނީ، މާސްޓަކާޑު ޕްލޭޔާ މެސްކޮޓް އެކްސްޕީރިއަންސްގެ ދަށުން ފުޓްބޯޅައަށް ލޯބިކުރާ ކުދިންނަށް ޔޫއެފާ ފައިނަލް މެޗް ބަލާލެވި، ދުނިޔޭގެ އެންމެ މޮޅު ބައެއް ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ރަނުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ޕްރޮމޯޝަނުގެ ދަށުން ލިބޭ އިނާމުގެ ގޮތުގައި ދެ މީހަކަށް (ބޮޑު މީހަކާއި ކުއްޖަކަށް) ހުރިހާ ހަރަދަކާއެކު މިއުނިކްގައި 4 ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އެގޮތުން މިއުނިކް ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ޓިކެޓް، ޕްލޭޔާ މެސްކޮޓް (ދަތުރުގައި ބައިވެރިވާ ކުއްޖާއަށް ފައިނަލް މެޗު ފަށަން ދަނޑަށް އަރާ ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު)، ޕޮކެޓް މަނީގެ އިތުރުން ވެލްކަމް ގިފްޓެއް ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

މި ޕްރޮމޯޝަންގައި މާސްޓަކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

މާސްޓަކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސާއެވެ. ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.