ޗެމްޕިއަންސް ލީގުގައި މިރޭ އިންގްލޭންޑްގެ ލިވަޕޫލުން މި މުބާރާތް އެންމެ ފަހުން ކާމިޔާބުކުރި ސްޕެއިންގެ ރިއާލް މެޑްރިޑް ބަލިކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 2-0 އިންނެވެ. ރިއާލް މެޑްރިޑްގެ ފުރަތަމަ 11 ގައި ހިމެނޭ މުހިއްމު ދެތިން ކުޅުންތެރިއަކު ނުލާ އެޓީމުން ލިވަޕޫލާ ވާދަކުރި އިރު މުޅި މެޗުގައި ވެސް ރިއާލްއަށް މާ ރަނގަޅު ކުޅުމެއް ނުދެއްކެއެވެ.

ބަދަލުުގައި މުޅި މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތައް އުފެއްދީ ލިވަޕޫލުންނެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފް 0-0 އިން ދެ ޓީމު އެއްވަރުވެގެން ނިމުނު އިރު ދެވަނަ ހާފްގައި ކުޅުން އިތުރަށް ވަރުގަދަކޮށް ލިވަޕޫލުން ލީޑު ނެގިއެވެ.

މި ލަނޑު އެޓީމަށް ޖަހާ ދިނީ އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މެކްއެލިސްޓާއެވެ.

ލިވަޕޫލްގެ ކީޕަރު ކެލަހާ އެމްބާޕޭގެ ޕެނަލްޓީ ސޭވް ކުރަނީ/ފޮޓޯ: އެކްސް

ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތު ރިއާލްއަށް މާ ގިނަ އިރުތަކެއް ނުވެ ލިބުނެވެ. މިގޮތުން، އެޓީމަށް ލިބުނު ޕެނަލްޓީ ފްރާންސްގެ ކިލިއަން އެމްބާޕޭ ގޯލަށް ވައްދާލާނެ ކަމަށް ބެލެވުނު ނަމަވެސް ލިވަޕޫލުގެ ކީޕަރު ކެލެހާ ވަނީ ހުޝިޔާރު ކަމާއެކު އެޕެނަލްޓީ ސޭވްކޮށްފައެވެ.

ދެން މެޗުގައި ޕެނަލްޓީއެއް ލިބުނީ ލިވަޕޫލަށެވެ. ހަފްތާ ބަންދުގައި ސައުތްހެމްޓަން ކޮޅަށް ޕެނަލްޓީ ވައްދާލި ސަލާހް މިރޭ ޕެނަލްޓީ ޖެހީ ބޭރަށެވެ.

ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހާ ދިން ގެކްޕޯ/ފޮޓޯ: އެކްސް

އެހެން ނަމަވެސް މާ ގިނަ އިރު ތަކެއް ނުވެ ލިވަޕޫލުން ލީޑު ފުޅާ ކުރިއެވެ. އަރިމަތިން އައި ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ޖަހާ ދިނީ ކޯޑީ ގެކްޕޯއެވެ.

ރިއާލްއަށް ލަނޑު ޖަހާނެ ދެތިން ފުރުސަތެއް ލިބުނު ނަމަވެސް މެޗު ނިމުނީ ލިވަޕޫލު މޮޅުވެގެންނެވެ. މިއާއެކު، ލިވަޕޫލު މިވަނީ ލީގު ފޯމެޓަކަށް މިފަހަރު ކުޅޭ ޗެމްޕިއަންސްގެ ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމުގެ ރިކޯޑް ހިފަހައްޓާފައެވެ.

ކުޅުނު ފަސް މެޗުން މޮޅުވެ ލިވަޕޫލު އެއްވަނައިގައި އޮތީ 15 ޕޮއިންޓާއެކު އެވެ. ޗެމްޕިއަންސް ލީގު ތާވަލުގެ ދެވަނައިގައި އޮތީ އިޓަލީގެ އިންޓާ މިލާންއެވެ.

ފަސް މެޗަށް ފަހު ޗެމްޕިއަންސް ލީގު ތާވަލުގެ ތިން ވަނައިގައި ބަސަލޯނާ އޮތް އިރު އޮޓަމެޓިކް އިން ދެވަނަ ބުރަށް ދާ 8 ޓީމުތަކުގެ ތެރޭގައި ދެން ހިމެނީ ބޮރޫޝިއާ ޑޯޓްމަންޑް، އެޓަލާންޓާ، ބަޔާ ލެވަކޫސަން، އާސަނަލް އަދި އޭއެސް މޮނާކޯއެވެ.

ދެވަނަ ބުރަށް ދާން ޕްލޭ އޮފް މެޗުތައް ކުޅެން ޖެހޭނެ ލިސްޓުގައި ޖާމަނީގެ ޗެމްޕިއަން ބަޔާން މިއުނިކް، އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ހިމެނޭ އިރު މިރޭ ލިވަޕޫލު އަތުން ބަލިވި ރިއާލް އޮތީ މުބާރާތުން ކަޓާނެ ޓީމުތަކާ އެންމެ ޕޮއިންޓެއް ދުރުގައެވެ.