ފުރަތަމަ ދަރިފުޅަށް ނުވަމަސް ފަހުން ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ރިހާނާ، ދެވަނަ ދަރިފުޅަށް ބަލިވެއިންކަން ހާމަކޮށްފިއެވެ.
އެރިޒޯނާގެ ގްލެންޑޭލްގެ ސްޓޭޓް ފާމް ސްޓޭޑިއަމްގައި ރިހާނާ ވަނީ ސުޕަ ބޯލް 57 ހާފްޓައިމްގައި ލަވަހުށައަޅައިދިނުމަށް ފަހު އޭނާ ބަލިވެއިންކަން ހާމަކޮށްފައެވެ. 2020 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން، އެމެރިކާ މަޝްހޫރު ރާކިމް މޭޔާސް (އޭޕީ ރޮކީ) އާ ގުޅުމަށްފަހު 2022 ވަނަ އަހަރު އެދެމީހުންނަށް ވަނީ ފިރިހެން ކުއްޖަކު ލިބިފައެވެ. މެއި މަހު ދެތަރިންނަށް ފިރިހެން ކުއްޖަކު ލިބުނުއިރު އެދަރިފުޅަށް ކިއި ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ބަނޑުބޮޑުކަން އިއުލާންކުރި ޝޯގައި ރިހާނާ ވަނީ އޭނާގެ ކެރިއަރުގެ އެންމެ ހިޓު ލަވަތައް ކަމަށްވާ "ޑައިމަންޑްސް"، "ވީ ފައުންޑް ލަވް"، "ވެއާ ހޭވް ޔޫ ބީން" އަދި "ވޯކް" ފަދަ ލަވަތައް ހުށައަޅަފައެވެ. އޭޕީ ރޮކީ އާއި ރިހާނާ އެންމެ ފުރަތަމަ ދިމާވީ 2012 ވަނަ އަހަރު ނެރުނު ރިހާނާގެ ލަވަ "ކޮކިނަސް" އިންނެވެ. އެ ލަވަގައި ރިހާނާ ވަނީ އޭޕީ ފީޗާ ކޮށްފައެވެ.
އެ ލަވައަށް ފަހު ދެމީހުންގެ ދެމެދުގައި ގާތް ރަހުމަތްތެރިކަމެއް އުފެދުނު ނަމަވެސް އޭރު ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް ނެތެވެ. ރަހުމަތްތެރިކަމުގެ ގުޅުން ލޯތްބަށް ބަދަލުވެ ދެމީހުން ގުޅުނީ 2020 ވަނަ އަހަރުގައެވެ. ރިހާނާ އަށް ފުރަތަމަ ދަރިފުޅު ލިބުމާއެކު އޭނާ ބުނީ މިހާރު އޭނާ ވިސްނަނީ އޭޕީ އާ ކައިވެނިކުރަން ކަމަށާއި އަަވަސް މުސްތަގްބަލެއްގައި އެކަން ވެސް ވެގެންދާނެ ކަމަށް އޭނާ އުންމީދު ކުރާ ކަމަށެވެ.